ކުޅިވަރު

ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް: ޝާޒް އާއި އަކްސަމް އެއްވަނަ ޑިވިޝަނުގެ ސެމީއަށް


މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "ލިޓަސް ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް 2022" ގެ ފިރިހެން ސިންގަލްސް އެއްވަނަ ޑިވިޝަނުގެ ސެމީ ފައިނަލަށް ހަސަން ޝާޒް މުޙައްމަދާއި މުޙައްމަދު އަކްސަމް ވަހީދު ދަތުރުކޮށްފިއެވެ.

ސެމީގެ ޖާގައެއް ޝާޒް ކަށަވަރުކުރީ ހުކުރު ދުވަހު ދުންޔާޒް މުޙައްމަދާ ބައްދަލުކޮށް 9-7 އިން މެޗު ކާމިޔާބުކޮށްގެންނެވެ. އަދި އަކްސަމް ސެމީގެ ޖާގައެއް ކަށަވަރުކުރީ އަލީ ފަޔާޒާ ބައްދަލުކޮށް 9-5 އިން މެޗު ކާމިޔާބުކޮއްގެންނެވެ.

މީގެ އިތުރުން މި މުބާރާތުގެ ދެވަނަ ޑިވިޝަނުގެ ސެމީ ފައިނަލުގައި ބައްދަލުކުރާނީ އިސްމާއިލް ޝިޔާމާއި މުޙައްމަދު އައްފާން ޔޫސުފެވެ. އަދި އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުގައި ބައްދަލުކުރާނީ އާއިޝަތު އަލީ އާއި އާމިނަތު އަޒްރާއެވެ. އާއިޝަތު އަލީ ސެމީއަށް ދަތުރުކޮށްފައިވަނީ އާމިނަތު އަޒީމާއާ ވާދަކޮށް މެޗު ކާމިޔާބުކޮއްގެންނެވެ. އަދި އާމިނަތު އަޒްރާ ސެމީއަށް ދަތުރުކުރީ އެންމެ ފަހުގެ ޗެމްޕިއަން ދީނާ އަޙްމަދު ބަލިކުރުމަށްފަހުއެވެ.

މި މަހުގެ 18 ގެ ނިޔަލަށް ކުރިއަށްގެންދާ ގައުމީ ބިލިއާޑް މުބާރާތުގައި ހަ އިވެންޓެއް ކުރިއަށްދާނެއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ޓީމު އިވެންޓާއި، ފިރިހެން ފުރަތަމަ ޑިވިޝަނާއި، ފިރިހެން ދެވަނަ ޑިވިޝަނާއި، އަންހެން ޑިވިޝަނާއި، ޑަބަލްސް އިވެންޓް އަދި މިކްސް ޑަބަލްސްއެވެ.

މުބާރާތުގެ ޓީމު އިވެންޓުގައި ފަސް ކުލަބަކުން ވާދަކުރެއެވެ. އެއީ 2021 ވަނަ އަހަރު ގެ ޓީމު އިވެންޓް ޗެމްޕިއަން ކުލަބު އީގަލްސް އާއި، ކަސްޓަމްސް ރެކްރިއޭޝަން ކުލަބާއި، އައިލޭންޑާސް ހޯޕް ސްޕޯޓްސް ކުލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ދިވެހި ސިފައިންގެ ކުލަބެވެ.

މި ފަހަރުގެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގައި 32 ކުޅުންތެރިން ވާދަކުރާއިރު، ފިރިހެން ދެވަނަ ޑިވިޝަނުގައި 51 ކުޅުންތެރިޔަކު ވާދަކުރެއެވެ. އަދި އަންހެން ޑިވިޝަނުގައި ހަތް ކުޅުންތެރިޔަކު ވާދަކުރެއެވެ. ޑަބަލްސް އިވެންޓުގައި 35 ޕެއާ ވާދަކުރާއިރު، މިކްސް ޑަބްލްސްގައި 10 ޕެއާ ވާދަކުރެއެވެ.

މި މުބާރާތުގެ ކުޅުން ކުރިއަށްދަނީ ގައުމީ ބިލިއާޑް ސެންޓަރުގައެވެ.