ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މެދުރާއްޖެތެރެއާއި، ދެކުނުގެ ސަރަޙައްދުތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާތީ، އެކަމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރާނެކަމަށް ލަފާކުރެވޭތީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓްވެސް ނެރެފައެވެ. އެ އިދާރާއިން މި އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 08:45 އިން ފެށިގެން 13:30 އާއި ހަމައަށެވެ.
އެ އިދާރާއިން މި އެލާޓް ނެރެފައިވާއިރު، ރެއާއި މިއަދު ހެނދުނު މާލޭ އަލިމަސް ކާނިވާ ސަރަޙައްދަށް އުދައިގެ އަސަރުވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. އެގޮތުން ފެންބޮޑުވެ، އެ ސަރަޙައްދުގައި ހިންގާ ކެފޭ ރެސްޓޯރެންޓަކަށްވެސް ފެނުގެ އަސަރުކޮށްފައިވެއެވެ. ކާނިވާ ސަރަޙައްދަކީ މޫސުން ގޯސް ދުވަސްވަރު، އާއްމުކޮށްވެސް އުދައިގެ އަސަރު ކުރާ ސަރަޙައްދެކެވެ.
Alert white for swell wave surges pic.twitter.com/kxRdkpzYJp
— Maldives Meteorology (@MetMaldives) November 5, 2022
ރާއްޖޭގެ މޫސުން ކުރިއަށްއޮތް 24 ގަޑިއިރު ލަފާކުރާގޮތަށް ބަލާއިރު، އުތުރުގެ އަތޮޅުތަކަށް މޫސުން އާއްމުގޮތެއްގައި ރަނގަޅުވީނަމަވެސް މެދުރާއްޖެތެރެއާއި ދެކުނުގެއަތޮޅުތަކަށް ވިއްސާރަކުރާނެކަމަށާއި، ގުގުރުންވެސް އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށާއި، ރާއްޖޭގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މި ފެށޭ ހަފްތާގައިވެސް މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށާއި، ނަމަވެސް އުތުރުގެ ރަށްތަކަކަށް މޫސުން ރަނގަޅުވާނެކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި، މި ވިއްސާރަ ޑިސެމްބަރުމަހާ ހިސާބަށް ދެމިގެންދާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.