ކުޅިވަރު

މަހިބަދޫ ކައުންސިލް މުބާރާތް: އެކްޕްރެސް އަތުން ސްޕޯޓިން އަޒިއޯނަށް މޮޅެއް


އދ.މަހިބަދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ، މަހިބަދޫ ޒުވާނުންގެ 19 ވަނަ ފުޓުބޯޅަ މުބާރާތް ފަށައިފިއެވެ.

މި މުބާރާތުގެ ކުޅުން އިއްޔެ ފަށާފައިވަނީ، ސްޕޯޓިން އަޒިއޯން އާއި އެކްސްޕްރެސް ވާދަކުރި މެޗުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްޕޯޓިން އަޒިއޯންއެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީވެސް ސްޕޯޓިން އަޒިއޯންއިން. މިލަނޑު މެޗުގެ 11 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި، ހަމްޒާ މުޙައްމަދު އެވެ. އަޒިއޯން ލީޑުގައި ކުޅެމުން ދަނިކޮށް އެކްސްޕްރެސް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 28ވަނަ މިނެޓުގައި އިބްރާހިމް ޝަފްރާޒް އެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔަނީ ވާދަވެރި ކުޅުމެކެވެ. ނަމަވެސް އެކްސްޕްރެސް އަށް މައްސަލަ ދިމާވީ މެޗުގެ 79ވަނަ މިނެޓުގައި، އަޒިއޯންގެ އިބްރާހިމް މަހުދީ ހުސައިންއަށް، އެކްސްޕްރެސްގެ ޢަބްދުﷲ އާނިސް އިބްރާހިމް ކުރި ފައިލަކާއި ގުޅިގެން އޭނާއަށް ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލި ހިސާބުންނެވެ.

އެއް ކުޅުންތެރިއެއް މަދުކޮށް ކުޅެމުންދިޔަ އެކްސްޕްރެސްގެ މައްޗަށް އަޒިއޯންއިން މެޗުގައި ދެވަނަ ފަހަރަށް ކުރިހޯދީ، 89ވަނަ މިނެޓުގައި އަހުމަދު ނޫމާން ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗު އަޒިއޯން އިންވެސް ނިންމާލީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. އެއީ މެޗުގެ ފަހު މިނެޓުގައި އަޒިއޯންގެ އާދަމް ނާއިލްއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. އަޒިއޯންއިން މޮޅަކާއި އެކު މުބާރާތް ފެށިއިރު، އެޓީމަކީ ފާއިތުވި ދެފަހަރުވެސް މުބާރާތުގެ ރަނަރަޕް ޓީމެވެ.

މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މުބާރާތުގައި މިއަހަރު ޖުމްލަ ހަ ޓީމެއް ވާދަކުރެއެވެ. މުބާރާތުގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުންނެވެ. އެގޮތުން ލީގުބުރުން އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ލީގުބުރުން ދެވަނައަށް ދާ ޓީމާއި، ތިންވަނައަށް ދާ ޓީމުގެ މެދުގައި ކުޅޭ ސީފައިނަލް ކާމިޔާބުކުރާ ޓީމަކަށެވެ.

އދ.މަހިބަދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވާ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ޖިބިއްލީ ސްޕޯޓްސް ކުލަބެވެ. އެޓީމުން ވަނީ މިހާތަނަށް މި މުބާރާތް 9 ފަހަރު ކާމިޔާބުކޮށްފައެވެ.