ކުޅިވަރު

ސިޓީގެ ތިންވަނަ ތައްޓަށް އޮތް ހުރަހަކީ ނިއުކާސަލް: ގާޑިއޯލާ


މެންޗެސްޓަރ ސިޓީން ޖެހިޖެހިގެން ތިންވަނަ ތަށި ހޯދުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ބޮޑެތި ކުރިއަރަމުން އަންނަ އެއް ކުލަބު ކަމަށްވާ ނިއުކާސަލް ޔުނައިޓެޑު ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ސިޓީން ތިންވަނަ ފަހަރަށް ޕްރިމިއަރ ލީގު ކާމިޔާބުކޮށްފިނަމަ އެ ޓީމު ވެގެންދާނީ އާސެނަލް، ހަޑަރސްފީލްޑް، ލިވަޕޫލް އަދި މެންޗެސްޓަރ ޔުނައިޓެޑާ އެއްކޮށް ފަސްވަނައަށް މި ކާމިޔާބީ ލިބޭނެ ކުލަބުގެ ގޮތުގައެވެ.

ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ފުލަމް އާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ސިޓީއަށް ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ވަގުތީގޮތުން އޮންނާނެއެވެ. ނަމަވެސް އާދީއްތަ ދުވަހު ޗެލްސީއާއި ދެކޮޅަށް އާސެނަލް ކުޅޭ މެޗުގެ ނަތީޖާ ނިކުންނަ ގޮތުން އާސެނަލްއަށް އަނެއްކާވެސް އެއްވަނަ ލިބުމުގެ ފުރުސަތު އެބައޮތެވެ.

ކުރިން ސްޕެއިންގެ ބާސެލޯނާ އާއި ޖަރުމަނުގެ ބަޔާން މިއުނިކް އަށް ކޯޗުކަން ކޮށްދިން ގާޑިއޯލާ ބުނީ މިހާތަނަށް ޓީމުތަކުގެ ކުޅުމަށް ބަލާއިރު ކޮންމެ ޓީމަކީވެސް ސިޓީއަށް ނުރައްކާތެރި ޓީމެއް ކަމަށެވެ. އޭގެ ތެރޭގައި ނިއުކާސަލް ފާހަގަކޮށްލެވޭ ކަމަށާއި އެ ޓީމުން ހޯދާ ކުރިއެރުންތަކަކީ ފާހަގަކޮށްލެވޭ ކަމެއް ކަމަށެވެ.

މީގެއިތުރުން 13 ޕޮއިންޓު ފަހަތުގައި އޮތް ލިވަޕޫލް އަކީ ވެސް ނުރައްކާތެރި ޓީމެއް ކަމަށާއި އެ ޓީމުގެ ފޯމަށް އަތުވެއްޖެ ނަމަ އެއީ އަނެއްކާވެސް ސިޓީއަށް ކުރިމަތިވާނެ ގޮންޖެހުމެއް ކަމަށެވެ.

ގާޑިއޯލާ ބުނީ ނިއުކާސަލްގެ އެންމެ ބޮޑު ތަފާތަކީ ފެންވަރު ރަނގަޅު ކޯޗިން ޓީމަކާއެކު އުއްމީދީ ، މޮޅެތި ކުޅުންތެރިންތަކެއް ސްކޮޑުގައި ތިބުން ކަމަށެވެ. އަދި ގަބޫލުކުރާ ގޮތުގައި އެ ކުޅުންތެރިން ދިގު މުއްދަތެއް ވަންދެން ކުލަބުގައި މަޑުކުރާނެ ކަމަށާއި އެހެން ވެއްޖެނަމަ އެއީ މުސްތަގްބަލަށް ވެސް ނުރައްކާތެރި ޓީމަކަށް ވާނެ ކަމަށެވެ.

މި ސީޒަނުގައި ތަށި ނަގާނެކަމަށް އެންމެ ބޮޑަށް ބެލެވޭ ޓީމަކީ އާސެނަލް ކަމަށް ގާޑިއޯލާ ގަބޫލުކުރެއެވެ. އެއީ މިހާރު ފެންނަ ކުޅުމާއި ނަތީޖާއަށް ބުރަކޮށް ކަމަށް ގާޑިއޯލާ ބުންޏެވެ. އަދި ކްލޮޕް ގެ ކޯޗުކަމުގެ ދަށުން މީގެކުރިން ޖެހިޖެހިގެން 18 މެޗުން ލިވަޕޫލް މޮޅުވެފައިވާ ކަމަށާއި އެކަން ހަމަ ތަކުރާރު ނުވާންވީ ސަބަބެއް ނެތް ކަމަށް ގާޑިއޯލާ ބުންޏެވެ.