ކުޅިވަރު

ކުޅުންތެރިންގެ ހައްގުގައި މަސައްކަތް ނުކުރާތީ ކޮންޓޭގެ ބޮޑެތި ފާޑުކިޔުންތަކެއް


ދުނިޔޭގެ ތައްޓަށް ކުޅޭ އެންމެ ޝަރަފްވެރި ފުޓުބޯޅަ މުބާރާތް ކަމަށްވާ ވޯލްޑްކަޕް ފެށެން ދުވަސް ކުޑަތަންވެފައި ވަނިކޮށް އިނގިރޭސި ކުލަބު ޓޮޓްނަމް ހޮޓްސްޕާގެ ތިން ކުޅުންތެރިއަކަށް އަނިޔާވުމުން އެ ކުލަބުގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ.

އަނިޔާގެ ސަބަބުން އާދީއްތަ ދުވަހު ލިވަޕޫލް އާއި ދެކޮޅަށް ކުޅޭ މެޗުގައި ކްރިސްޓިއަން ރޮމޭރޯ، ރިޗާލިސަން އަދި ސޮން ހިއު މިން އަށް ނުކުޅެވޭނެ އެވެ. މި ތިން ކުޅުންތެރިންނަށް ވޯލްޑް ކަޕުގައި ކުޅެވިދާނެ ކަމާއި މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

ވޯލްޑް ކަޕަށް ކުޅުންތެރިންނަށް ވަގުތު ދިނުމުގެ ގޮތުން އިނގިރޭސި ޕްރިމިއަރ ލީގުގެ ކުޅުން މެދުކަނޑާލުމަށް ހަމަޖެހިފައިވަނީ މުބާރާތް ފެށުމުގެ ހަފްތާއެއް ކުރިންނެވެ. ނޮވެމްބަރ 20 ގައި މުބާރާތް ފަށާއިރު، އަނެއްކާވެސް މުބާރާތް ފަށާނީ ވޯލްޑް ކަޕުގެ ފައިނަލް މެޗަށްފަހު ހަތް ދުވަސް ފަހުންނެވެ.

ޓޮޓްނަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ ފުޓުބޯޅަ އިދާރަތަކުން ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުވިސްނާ ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. އަދި ސީޒަނެއްގެ މެދުތެރެއިން ވޯލްޑް ކަޕް ބޭއްވުމަކީ ކުޅުންތެރިންނަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށްވެސް ބުންޏެވެ.

ކޮންޓޭ ބުނީ ގަތަރު ފަދަ ހޫނު ގައުމެއްގައި ސީޒަނެއްގެ މެދުތެރެއިން މުބާރާތެއް ބޭއްވުމަކީ ކުޅުންތެރިންނަށް އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކަކާއި ކުރިމަތިލާން ޖެހޭ ކަމެއް ކަމަށެވެ. އަދި މުސްތަގްބަލުގައި ގިނަ އަނިޔާތަކެއް ފެނިގެންދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ކޮންޓޭ ބުންނެވެ.

ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި ޗެމްޕިއަންސް ލީގު، ޔުރޮޕާ ލީގު، އަދި ޔުރޮޕާ ކޮންފަރެންސް ލީގުގެ ތިން މެޗު ކޮންމެ ހަފުތާއަކު ވަނީ ކުޅެފައެވެ. އެއީ ވޯލްޑް ކަޕުގެ ކުރިން މުބާރާތުގެ ގްރޫޕް ސްޓޭޖު ނިންމުމަށެވެ. މިކަމާ ގުޅިގެން ވެސް ކޮންޓޭ ގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ކޮންޓޭ އެންމެ ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައިވަނީ ލީގު ކަޕުގެ ހަތަރުވަނަ ބުރުގެ ކުޅުން ވޯލްޑް ކަޕުގެ ފައިނަލް މެޗަށްފަހު ޖެހިގެން އަންނަ ދުވަހު ފަށާތީއެވެ. އަދި އިިނގިރޭސި އެފްއޭ އިން މިކަން ގާތުން ބަލަންޖެހޭ ކަމަށާއި ކުޅުންތެރިންނަށް ރަނގަޅު މާހައުލެއް ބިނާކޮށްދިނުމަށް އެދޭކަމަށް ކޮންޓޭ ބުންޏެވެ.