ފުޓުބޯޅަ ކެރިއަރު ހުއްޓާލަން ޕީކޭ ނިންމި ނިންމުމަށް އިހްތިރާމުކުރާ ކަމަށާއި އޭނާ ކުލަބަށް ކޮށްދިން ހިދުމަތްތައް އަގު ނުކުރެވޭނެ ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފިއެވެ.
ބާސެލޯނާ އާއި މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ސްޕެއިންގެ ޑިފެންޑަރު ޖެރާޑް ޕީކޭ އުމުރުން 35 އަހަރުގައި ކުޅުން ހުއްޓާލިކަން އިއުލާނުކުރީ މި ނިމުނު ހަފުތާ ބަންދުގައެވެ. ސޯޝަލް މީޑިއާއަށް ދޫކޮށްލި މެސެޖުގައި އޭނާ ވަނީ ބާސެލޯނާއަށް ފަހު އިތުރު އެއްވެސް ޓީމަކަށް ނުކުޅޭނެކަން ހާމަކޮށްފައެވެ.
ސިޓީގެ މިހާރުގެ ކޯޗު ޕެޕް ގާޑިއޯލާގެ އެދުމުގެ މަތިން 2008 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑުން ބާސެލޯނާއަށް ބަދަލުވި ޕީކޭގެ ފަހު މެޗަށް ވާނީ ބާސެލޯނާ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ އަލްމެރިއާއާ ދެކޮޅަށް ކުޅޭ މެޗެވެ.
ޕީކޭގެ ޔޫތު ކެރިއަރުވެސް ހޭދަކޮށްފައި ވަނީ ބާސެލޯނާގައެވެ. އޭގެ ފަހުން 2004 ވަނަ އަހަރު ޔުނައިޓެޑަށް ބަދަލުވިއެވެ. ޕީކޭ ވަނީ ބާސެލޯނާ އަށް ބަދަލުވެ އެ ކުލަބަށް ޖުމްލަ 600 އަށް ވުރެން ގިނަ މެޗު ކުޅެދީ 30 ތަށި ހޯދާފައެވެ. މީގެ ތެރޭގައި ސްޕެނިޝް ލީގު އަށް ފަހަރު ހޯދުމުގެ އިތުރުން ތިން ފަހަރު ޗެމްޕިއަންސް ލީގުވެސް އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.
ޕީކޭ ގެ ނިންމުމާ ގުޅޭގޮތުން މީޑިއާގައި ވާހަކަދައްކަމުން ޒަވީ ބުނީ މި ސީޒަން ފެށުމުގެ ކުރިން ޕީކޭ އާއި ވަކިން ގިނަ ވާހަކަަތަކެއް ދެކެވުނު ކަމަށާއި ޕީކޭ ގެ އެ ނިންމުމަކީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށެވެ. އެއީ ކޯޗަކަށް އުނދަގޫ ހާލަތެއް ކަމަށާއި ނަމަވެސް އެ ނިންމުމާއި މެދު ބުނާނެ އިތުރު ވާހަކައެއް ނެތް ކަމަށެވެ.
ސްޕެއިން ގައުމީ ޓީމަށް 2018 ގައި ކުޅުން ހުއްޓާލި ޕީކޭ ވަނީ ގައުމީ ޖާރޒީގައި 102 މެޗު ކުޅެފައެވެ. އަދި 2010 ގެ ވޯލްޑް ކަޕާއި 2012 ގެ ޔޫރޯ ކާމިޔާބުކުރި ސްޕެއިން ޓީމުގައި އޭނާގެ ދައުރު ބޮޑެވެ.