މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "ލިޓަސް ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް 2022" ގެ ފިރިހެން ސިންގަލްސް ފުރަތަމަ ޑިވިޝަނުގެ ފައިނަލަށް ހަސަން ޝާޒް މުޙައްމަދާއި މުޙައްމަދު ސާހިލް ހަމީދު ދަތުރުކޮށްފިއެވެ.
ފައިނަލުގެ ޖާގައެއް ޝާޒް ކަށަވަރުކުރީ ހޮނިހިރު ދުވަހު ކުޅުނު ސެމީ ފައިނަލް މެޗުގައި މުޙައްމަދު އަކްސަމް ވަހީދާ ބައްދަލުކޮށް 9-5 އިން މެޗު ކާމިޔާބުކޮށްގެންނެވެ. އަދި ސާހިލް ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ލުސާސް ބްރެކްޓުގައި އަކްސަމާ ބައްދަލުކޮށް 9-3 އިން މެޗު ކާމިޔާބުކޮއްގެންނެވެ.
މީގެ އިތުރުން މި މުބާރާތުގެ ދެވަނަ ޑިވިޝަނުގެ ފައިނަލުގައި ބައްދަލުކުރާނީ އިސްމާޢީލް ޝިޔާމް އާއި ހަސަން ރާޖޭޝް މޫސާއެވެ. އަދި އަންހެން ޑިވިޝަނުގެ ފައިނަލުގައި ބައްދަލުކުރާނީ އާއިޝަތު އަލީ އާއި އާމިނަތު ހަލީމެވެ. މި ބައިގެ ފައިނަލަށް އާއިޝަތު އަލީ ދަތުރުކޮށްފައިވަނީ އާމިނަތު އަޒްރާއާ ވާދަކޮށް މެޗު ކާމިޔާބުކޮއްގެންނެވެ. އަދި އާމިނަތު ހަލީމް ފައިނަލަށް ދަތުރުކުރީ ލުސާސް ބްރެކްޓުގެ ސެމީ ފައިނަލުގައި އާމިނަތު އަޒްރާ ބަލިކުރުމަށްފަހުއެވެ.
މި މަހުގެ 18 ގެ ނިޔަލަށް ކުރިއަށްގެންދާ ގައުމީ ބިލިއާޑް މުބާރާތުގައި ހަ އިވެންޓެއް ކުރިއަށްދާނެއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ޓީމު އިވެންޓާއި، ފިރިހެން ފުރަތަމަ ޑިވިޝަނާއި، ފިރިހެން ދެވަނަ ޑިވިޝަނާއި، އަންހެން ޑިވިޝަނާއި، ޑަބަލްސް އިވެންޓް އަދި މިކްސް ޑަބަލްސްއެވެ.
މުބާރާތުގެ ޓީމު އިވެންޓުގައި ފަސް ކުލަބަކުން ވާދަކުރެއެވެ. އެއީ 2021 ވަނަ އަހަރު ގެ ޓީމު އިވެންޓް ޗެމްޕިއަން ކުލަބު އީގަލްސް އާއި، ކަސްޓަމްސް ރެކްރިއޭޝަން ކުލަބާއި، އައިލޭންޑާސް ހޯޕް ސްޕޯޓްސް ކުލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ދިވެހި ސިފައިންގެ ކުލަބެވެ.
މި ފަހަރުގެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގައި 32 ކުޅުންތެރިން ވާދަކުރާއިރު، ފިރިހެން ދެވަނަ ޑިވިޝަނުގައި 51 ކުޅުންތެރިޔަކު ވާދަކުރެއެވެ. އަދި އަންހެން ޑިވިޝަނުގައި ހަތް ކުޅުންތެރިޔަކު ވާދަކުރެއެވެ. ޑަބަލްސް އިވެންޓުގައި 35 ޕެއާ ވާދަކުރާއިރު، މިކްސް ޑަބްލްސްގައި 10 ޕެއާ ވާދަކުރެއެވެ.
މި މުބާރާތުގެ ކުޅުން ކުރިއަށްދަނީ ގައުމީ ބިލިއާޑް ސެންޓަރުގައެވެ.