ދުނިޔޭގެ ވިޔަފާރި

ޖަޕާނުގެ އިގްތިސާދީ ދުވެއްޔަށް މަޑުޖެހުމެއް


އެތެރޭގެ ޑިމާންޑު ދަށްވުމާއި، އިންފްލޭޝަން މަތިވެ، ޖަޕާނުގެ ފައިސާ ޔެންގެ އަގު ދަށްވުމުގެ ސަބަބުން އެ ގައުމުގެ އިގްތިސާދީ ދުވެލި 3 ވަނަ ކުއާޓަރުގައި މަޑުޖެހޭނެކަމަށް ރޮއިޓަރސް ޕޯލުން ދައްކައިފިއެވެ.

ރަސްމީ ހިސާބުތައް އާއްމުކޮށްފައި ނުވިނަމަވެސް ދުނިޔޭގެ 3 ވަނައަށް އެންމެ ބޮޑު އިގްތިސާދު އޮންނަ ޖަޕާނުގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް، ޖީޑީޕީ 3 ވަނަ ކުއާޓަރުގައި %1.1 އަށް ދަށްވާނެ ކަމަށް ލަފާކޮށްފައިވާއިރު، މިއަދަދު ދެވަނަ ކުއާޓަރުގައި ހުރީ %3.5 ގައެވެ.

އިންޓާރނަލް އެފެއާޒް މިނިސްޓްރީން ވަކިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި ޔެން އަގު ދަށްވެ ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ސެޕްޓެމްބަރު މަހު ހަރަދުކުރި މިންވަރު ވަނީ %2.7 އަށް ދަށްވެފައެވެ. މި އަދަދު އޮގަސްޓުމަހު ހުރީ %5.1 ގައެވެ.

ތިންވަނަ ކުއާޓަރުގައި ޖަޕާނުގެ އިގްތިސާދީ ދުވެލި މަޑުޖެހޭނެ ކަމަށް ލަފާކޮށްފައި މިވަނީ ޖަޕާނުގެ ފައިސާ، ޔެން އަގު ވަރަށް ބޮޑަށް ދަށްވެ ހަކަތައާއި ކާބޯތަކެތި އަދި އެނޫންވެސް ގިނަ ތަކެތީގެ އަގު އުފުލުމުގެ ސަބަބުންނެވެ. ޔެންގެ އަގު މިހާރު ވަނީ ވޭތުވެދިޔަ 32 އަހަރު ތެރޭގައިވެސް ނުވެއްޓޭހާ ދަށަށް ވެއްޓިފައެވެ.

ތަކެތީގެ އަގު އުފުލެމުންދާތީ ރައްޔިތުންނަށް ލުއި ކޮށްދިނުމުގެ ގޮތުން ޖަޕާނުގެ ބޮޑު ވަޒީރު ފޫމިއޯ ކިޝީދާގެ ސަރުކާރުން އަންނަނީ ގޭބީސީތަކަށް އެހީ ފޯރުކޮށްދެމުންނެވެ.

ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތައް އުވާލި ނަމަވެސް ޖަޕާނުގެ ހޮޓެލް އަދި ރެސްޓޯރެންޓްތައް ހުއްޓިފައިވާކަމަށް ނޮރިންޗުކިން ރިސާޗް އިންސްޓިއުޓްގެ އިސް އިގްތިސާދީ މާހިރު ޓަކޭޝީ މިނާމީ ވިދާޅުވިއެވެ. މީގެއިތުރުން ތަކެތި ފޯރުކޮށްދިނުމުގައި ބުރޫއަރާފައިވާތީ ޖަޕާނުގެ ކާރު އުފެއްދުންތައްވެސް މަދުވެފައިވާކަމަށް ޓަކޭޝީ ވިދާޅުވިއެވެ.