ކުޅިވަރު

މަހިބަދޫ ކައުންސިލް މުބާރާތް: ޖިބިއްލީ ޖޫނިއާސް ބަލިކޮށް އެންޓީ ޔުނައިޓެޑަށް ރަނގަޅު ފެށުމެއް


އދ. މަހިބަދޫ ކައިންސިލުން އިންތިޒާމުކޮށްގެން ބާއްވާ މަހިބަދޫ ޒުވާނުންގެ 19 ވަނަ ފުޓްބޯޅަ މުބާރާތުގައި މުޅުން އަލަށް ވާދަކުރާ ޖިބިއްލީ ޖޫނިއާސް އަތުން މޮޅުވެ އެންޓީ ޔުނައިޓެޑުން ފެށުން ރަނގަޅުކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު މަހިބަދޫ ޓާފް ދަނޑުގައި ކުޅުނު މި މެޗުން ޖިބިއްލީ ޖޫނިއާސްގެ މައްޗަށް އެންޓީ ޔުނައިޓެޑުން ކުރިހޯދީ ފަސޭހަކަމާއެކު 6-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފެށިގެން އެންޓީ ޔުނައިޓެޑުގެ ފަރާތުން ފެނިގެންދިޔައީ ވަރުގަދަ އެޓޭކިން ކުޅުމެކެވެ. އެގޮތުން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ނަސޫހު ރަޝީދު އާއި ޝުއައިދު ސައީދު ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ކާމިޔާބުކޮށްފައެވެ.

މިމެޗުގައި އެންޓީގެ ފުރަތަމަ ދެ ލަނޑުވެސް ޖަހާފައިވަނީ ޖިބިއްލީ ޖޫނިއާސްގެ ގޯލްކީޕަރު އިބްރާހީމް އާލިމަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގައިގެންނެވެ. އެގޮތުން ފުރަތަމަ ލަނޑު މެޗުގެ 29 ވަނަ މިނެޓުގައި އަޙްމަދު ހަސަން ކާމިޔާބުކޮށްދިންއިރު، ދެވަނަ ލަނޑު މެޗުގެ 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހުސައިން ނިހާން (ނިހާޓު) އެވެ.

މީގެ އިތުރުން މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެންޓީ ޔުނައިޓެޑުން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން އެންޓީގެ ތިންވަނަ ލަނޑު މެޗުގެ 42 ވަނަ މިނެޓުގައި ޝުއައިދު ސައީދު ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ ހަތަރުވަނަ ލަނޑު ހާފު ނިމެން ސިކުންތު ކޮޅަކަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އަލީ ނަސޫހެވެ.

މި މެޗުގެ ދެވަނަ ހާފު ފެށިގެން މާގިނައިރު ތަކެއް ނުވަނީސް ނަސޫހު ވަނީ އެންޓީއަށް އެ ޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 55 ވަނަ މިނެޓުގައެވެ. އަދި އެންޓީގެ ހަވަނަ ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ޖަހައިދިނީ ޝުައިދެވެ.

މަހިބަދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވާ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ޖިބިއްލީ ސްޕޯޓްސް ކުލަބެވެ. އެ ޓީމުން ވަނީ މިހާތަނަށް މި މުބާރާތް ނުވަ ފަހަރު ކާމިޔާބުކޮށްފައެވެ.