ކުލަބް މޯލްޑިވްސް ކަޕް 2022ގެ ފައިނަލުގައި ފަހަތުން އަރައި އެމްޕީއެލް ބަލިކުރެވުނީ ކުޅުންތެރިން ފަހު ހާފުގައި ދެއްކި ހިތްވަރުން ކަމަށް ފެނަކައިގެ ކޯޗު އަބްދުﷲ ނަސީރު (އަބޯ) ބުނެފިއެވެ.
މުޅިން އަލަށް ކުލަބް މޯލްޑިވްސް ކަޕުގެ ފައިނަލަށް ދަތުރުކުރި ފެނަކައިން މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމުކަމަށްވާ އެމްޕީއެލް ބަލިކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗަށްފަހު ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަ ދައްކަމުން އަބޯ ބުނީ މުޅި މެޗުގައިވެސް ބެލީ ހަމަޖެހިގެން ކުޅެ ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަން ކަމަށެވެ. އަދި އެކަން މުޅި މެޗުން ހާސިލްވި ކަމަށް އަބޯ ބުންޏެވެ.
އަބޯ ބުނީ ފައިނަލް މެޗެއްގައި ފަހަތުން އަރާ ނަތީޖާ އަނބުރާލެވުނީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ކަމަށާއި، އެގޮތުން ފަހު ހާފުގައި އެމްޕީއެލަށް ލަނޑެއް ޖެހުމަށް ފުރުސަތު ނުދީ ފެނަކައިން ޑޮމިނޭޓްކޮށް ކުޅެ ނަތީޖާ އަނބުރާލެވުނީ ކުޅުންތެރިން ކުރި މަސައްކަތުން ކަމަށެވެ.
އަބޯ އަކީ މި މުބާރާތުގެ އެންމެ މޮޅު ކޯޗުއެވެ. މީގެ އިތުރުން އޭނާއަކީ ދެ ޓީމެއްގައި ހުރެ ޖެހިޖެހިގެން ކުލަބް މޯލްޑިވްސް ކަޕްގެ ތަށި ކާމިޔާބުކުރި ފުރަތަމަ ކޯޗެވެ. އަނެއްކޮޅުން މިއީ ފެނަކައިން މި
މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ހުސެއިން ޝަރީފް (އޮންލީ) ބުނީ ތިން ސެމީ ފައިނަލުގައި ފެނަކައިން ކުޅެ ބަލިވުމުން މި ފަހަރު މުބާރާތާ ކުރިމަތިލީ ތަށި ހޯދުމަށް ކަމަށެވެ. އެކަން ކާމިޔާބުވީ މުޅި ޓީމުގެ މަސައްކަތުން ކަމަށް އޮންލީ ބުންޏެވެ. އޮންލީ ބުނީ އޭނާގެ ސްޓައިލް ބަދަލުކޮށް މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ލިބުނީ އޭނާގެ އެކަނި މަސައްކަތުން ނޫން ކަމަށާއި، މިއީ ކުޅުންތެރިންގެ މަސައްކަތް ކަމަށެވެ.