މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންއިން އިންތިޒާމްކޮށްގެން ބާއްވާ "ލިޓަސް ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް 2022" ސިންގަލްސް އެއްވަނަ ޑިވިޝަންގެ ޗެމްޕިއަންކަން މުޙައްމަދު ސާހިލް ހަމީދު ހޯދައިފިއެވެ.
ފައިނަލުގައި ހަސަން ޝާޒް މުޙައްމަދު އާއި ބައްދަލުކޮށް މުޙައްމަދު ސާހިލް ހަމީދު މެޗް ކާމިޔާބު ކުރީ 11-6 ގެ ނަތީޖާއަކުންނެވެ. މީގެއިތުރުން ދެވަނަ ޑިވިޝަންގެ އިސްމާއީލް ޝިޔާމް ހޯދީ ފައިނަލުގައި ހަސަން ރާޖޭޝް އާއި ވާދަކޮށް 4-9 އިން މެޗު ކާމިޔާބުކޮށްގެންނެވެ. އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އާއިޝަތު އަލީ ހޯދީ ފައިނަލުގައި އާމިނަތު ހަލީމް އާއި ވާދަކޮށް 4-9 އިން މެޗު ކާމިޔާބުކޮށްގެންނެވެ.
މިމަހުގެ 3 އިން 18 ގެ ނިޔަލަށް ކުރިއަށްގެންދާ "ލިޓަސް ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް 2022"ގައި ހަ އިވެންޓެއް ކުރިއަށްދާނެއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ޓީމު އިވެންޓާއި ފިރިހެން ފުރަތަމަ ޑިވިޝަނާއި ފިރިހެން ދެވަނަ ޑިވިޝަނާއި އަންހެން ޑިވިޝަނާއި ޑަބަލްސް އިވެންޓް އަދި މިކްސް ޑަބަލްސްއެވެ.
މުބާރާތުގެ ޓީމު އިވެންޓުގައި ފަސް ކްލަބަކުން ވާދަކުރެއެވެ. އެއީ 2021 ވަނަ އަހަރު ގެ ޓީމް އިވެންޓް ޗެމްޕިއަން ކްލަބު އީގަލްސް އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި އައިލޭންޑަރސް ހޯޕް ސްޕޯޓްސް ކުލަބް އާއި މާޒިޔާ ސްޕޯޓްސް އަދި ދިވެހި ސިފައިންގެ ކްލަބެވެ.
އެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގައި 32 ކުޅުންތެރިޔަކު ވާދަކުރާ އިރު، ފިރިހެން ދެވަނަ ޑިވިޝަންގައި 51 ކުޅުންތެރިޔަކު ވާދަކުރެއެވެ. އަންހެން ޑިވިޝަންގައި 7 ކުޅުންތެރިޔަކު ވާދަކުރެއެވެ. ޑަބަލްސް އިވެންޓުގައި 35 ޕެއަރ ވާދަކުރާ އިރު، މިކްސް ޑަބްލްސްގައި 10 ޕެއަރ ވާދަކުރެއެވެ.
ދެން މުބާރާތުގައި ކުރިޔައްދާނީ ޑަބަލްސް އިވެންޓް އެވެ. ޖުމްލަ 35 ޕެއަރ އާއި އެކު ޑަބަލް އެލިމިނޭޝަން އުސޫލުން ކުޅެވޭ ޑަބަލްސް އިވެންޓް ހޯމަދުވަހުގެ ހަވީރު 4.30ން ފެށިގެން މެޗްތައް ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިޔަށްދާނެއެވެ.