ބަދަލުތަކާއެކު 28 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕުގެ ކުޅުން ފަށައިފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ހޮނިހިރު ދުވަހުގެރޭ މި މުބާރާތުގެ ކުޅުން ފެށިއިރު، މި މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 12 ޓީމުން ވަނީ ބައިވެރިވެފައެވެ. އަދި އަންހެން ޑިވިޝަނުގައި ހަ ޓީމަކުން ވަނީ ބައިވެރިވެފައެވެ. ފިރިހެން ޑިވިޝަން ކުރިއަށްދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. އަދި އަންހެން ޑިވިޝަން ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
ގިނަ މެޗުތައް ޓީމުތަކަށް ލިބޭ ގޮތަށް ބާއްވާ މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ޓީރެކްސް ބީސީ އާއި ރެޕްޓާސް ބީސީއެވެ. މި މެޗު 91-51 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ޓީރެކްސް ބީސީއެވެ.
ދެވަނަ މެޗުގައި ރެޑްވިންގްސް އާއި ޓަލޮންސް ބީސީ ބައްދަލުކުރިއިރު، މި މެޗު ރެޑްވިންގްސް އިން ވަނީ ކާމިޔާބު ކޮށްފައެވެ. ރެޑްވިންގްސް އިން މި މެޗު ކާމިޔާބުކުރީ 90-40 އިންނެވެ.
މި މުބާރާތުގައި އާދީއްތަ ދުވަހުވެސް ވަނީ ދެ މެޗު ކުޅެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ކިންގްސް ބީސީ އާއި ސްޕާޓަންސް ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗު ކިންގްސްއިން ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. މި މެޗު ކިންގްސްއިން ކާމިޔާބުކުރީ 112-27 ޕޮއިންޓުންނެވެ.
ދެވަނަ މެޗުގައި ދަ ބައޮސް ސްޕޯޓްސް ކުލަބާއި، ސްޓްރިންޖާސް ބީސީ ބައްދަލުކުރި މެޗު ބައޮސް އިން ވަނީ ފަސޭހަކަމާއެކު ކާމިޔާބު ކޮށްފައެވެ. މި މެޗު ބައޮސްއިން ކާމިޔާބުކުރީ 107-29 ޕޮއިންޓުންނެވެ.