ކުޅިވަރު

މަހިބަދޫ ކައުންސިލް މުބާރާތް: ޖިބިއްލީ ޖޫނިއާސް ބަލިކޮށް ސްޕޯޓިން އަޒިއޯން އެއްވަނައަށް


އދ. މަހިބަދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ، މަހިބަދޫ ޒުވާނުންގެ 19ވަނަ ފުޓުބޯޅަ މުބާރާތައި ޖިބިއްލީ ޖޫނިއާސް ބަލިކޮށް އެންމެ ފަހުގެ ރަނަރަޕް ޓީމް ސްޕޯޓިން އަޒިއޯންއިން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ޖިބިއްލީ ޖޫނިއާސްގެ މައްޗަށް އަޒިއޯންއިން ކުރިހޯދީ 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ވަރަށް ކުރީކޮޅުގައި އަޒިއޯންއިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 4 ވަނަ މިނެޓުގައި އަޒިއޯންއަށް ލީޑު ނަގައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިބްރާހިމް މަހުދީ ހުސައިނެވެ.

އަޒިއޯންއަށް އެޓީމުގެ ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ހަމްޒާ މުޙައްމަދު އެވެ. އެގޮތުން މެޗުގެ 15ވަނަ މިނެޓުގައި ހަމްޒާ އެޓީމަށް ދެވަނަ ލަނޑު ކާމިޔާބު ކޮށްދިންއިރު ތިންވަނަ ލަނޑު އޭނާ ކާމިޔާބުކޮށްދިނީ 27 ވަނަ މިނެޓުގައެވެ.

ފުރަތަމަ ހާފަށްވުރެ ދެވަނަ ހާފުގައި ޖިބިއްލީ ޖޫނިއާސްއިން ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. ހާއްސަކޮށް ފުރަތަމަ ހާފުގައި ފަހަތުން ހެދުނު ގޯސްތައް ވަރަށް ބޮޑަށް ރަނގަޅުކުރިތަން ފެނިގެންދިޔަ އެވެ. ނަމަވެސް ޖިބިއްލީ ޖޫނިއާސްއަށް މިނަތީޖާގައި މެޗު ނިންމާލެވޭގޮތެއް ނުވިއެވެ. އެގޮތުން މެޗުގެ 62 ވަނަ މިނެޓުގައި އިބްރާހިމް މަހުދީ ހުސައިން ވަނީ އޭރިޔާގެ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް އަމާޒުކޮށްލައިގެން އަޒިއޯންއަށް ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

މި ނަތީޖާއާއިއެކު އަޒިއޯންއިން ތާވަލުގެ އެއްވަނައަށް ޖެހިލާފައިވަނީ މުބާރާތުގައި މިހާތަނަށް އެޓީމުން ކުޅުނު ދެ މެޗުން ހޯދި ހަ ޕޮއިންޓާއެކުއެވެ.