މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންއިން އިންތިޒާމްކޮއްގެން ބާއްވާ "ލިޓަސް ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް 2022" ޑަބަލްސް އިވެންޓް ސެމީ ފައިނަލުގެ ޖާގަ ހަސަން ޝަފްރާޒް އަދި އިސްމާއިލް ރަޒީންގެ ޕެއަރ އާއި ހަސަން ޝާޒް މުޙައްމަދު އާއި އަޙްމަދު އިޔާދް ސައީދު ގެ ޕެއަރ ކަށަވަރުކޮށްފިއެވެ.
ޖުމްލަ 35 ޕެއަރ ގެ ދެމެދުގައި ޑަބަލް އެލިމިނޭޝަން އުސޫލުން ކުޅެވޭ އިވެންޓްގައި އިއްޔެ ޖުމްލަ 24 މެޗް ވަނީ ކުޅެވިފައެވެ. ވިނަރސް ސައިޑްގެ ސެމީ ފައިނަލް ގެ ޖާގަ ހަސަން ޝަފްރާޒް އަދި އިސްމާއިލް ރަޒީންގެ ޕެއަރ ކަށަވަރުކޮއްފައިވަނީ އަސްލަމް އަބްދުﷲ އަދި އިބްރާހިމް ޝަރީފްގެ ޕެއަރ އާއި ބައްދަލުކޮށް 7-3 މެޗް ކާމިޔާބުކޮއްގެންނެވެ. ސެމީ ފައިނަލް ގެ އަނެއް ޖާގަ ހަސަން ޝާޒް މުޙައްމަދު އަދި އަހްމަދު އިޔާދް ސައީދުގެ ޕެއަރ ކަށަވަރުކޮށްފައި ވަނީ ހުސެން ސަނީފް އަދި ޒައިދާން މުޙައްމަދު ނަސީމް ގެ ޕެއަރ އާއި ބައްދަލުކޮށް 7-6 މެޗް ކާމިޔާބުކޮއްގެންނެވެ.
މިމަހުގެ 3 އިން 18 ގެ ނިޔަލަށް ކުރިއަށްގެންދާ "ލިޓަސް ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް 2022"ގައި ހަ އިވެންޓެއް ކުރިއަށްދާނެއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ޓީމު އިވެންޓާއި ފިރިހެން ފުރަތަމަ ޑިވިޝަނާއި ފިރިހެން ދެވަނަ ޑިވިޝަނާއި އަންހެން ޑިވިޝަނާއި ޑަބަލްސް އިވެންޓް އަދި މިކްސް ޑަބަލްސްއެވެ.
މުބާރާތުގެ ޓީމު އިވެންޓުގައި ފަސް ކްލަބަކުން ވާދަކުރެއެވެ. އެއީ 2021 ވަނަ އަހަރު ގެ ޓީމް އިވެންޓް ޗެމްޕިއަން ކްލަބު އީގަލްސް އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި އައިލޭންޑަރސް ހޯޕް ސްޕޯޓްސް ކުލަބް އާއި މާޒިޔާ ސްޕޯޓްސް އަދި ދިވެހި ސިފައިންގެ ކްލަބެވެ.
މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގައި 32 ކުޅުންތެރިއަކު ވާދަކުރާއިރު، ފިރިހެން ދެވަނަ ޑިވިޝަންގައި 51 ކުޅުންތެރިޔަކު ވާދަކުރެއެވެ. އަންހެން ޑިވިޝަންގައި ހަތް ކުޅުންތެރިއަކު ވާދަކުރެއެވެ. ޑަބަލްސް އިވެންޓުގައި 35 ޕެއަރ ވާދަކުރާއިރު، މިކްސް ޑަބްލްސްގައި 10 ޕެއަރ ވާދަކުރެއެވެ.
ޑަބަލްސް އިވެންޓްގެ ފައިނަލް އޮންނާނީ މިރޭ 20:30 ގައި ނޭޝަނަލް ބިލިއަރޑް ސެންޓަރުގައެވެ. މި މެޗް ޔެސް ޓީވީން ވަގުތުން ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.