ޚަބަރު

ފަރެސްގައި ތަރައްޤީކުރާ ރިސޯޓް އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގެތެރޭގައި ހުޅުވަނީ


ބ. އަތޮޅު ފަރެސްގައި ތަރައްޤީކުރާ ރިސޯޓް އަންނަ އަހަރުގެ މެދުތެރޭގައި ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ރިސޯޓު ތަރައްޤީކުރާ، އަވާނީ ހޮޓެލްސް އެންޑް ރިސޯޓްސްއިން ހާމަކޮށްފިއެވެ.

70 މިލިއަން ޑޮލަރުގެ މިމަޝްރޫއުގެ ދަށުން، ބ. އަތޮޅު ފަރެސްގައި 176 ކޮޓަރީގެ ރިސޯޓެއް ދަނީ ތަރައްޤީކުރަމުންނެވެ. މި ރިސޯޓުގައި ސްޓޫޑިއޯ، ބީޗު ވިލާ އަދި އޯވަރ ވޯޓަރ ވިލާތައް ހުންނާނެއެވެ.

އަވާނީ ހޮޓެލްސް އެންޑް ރިސޯޓްސްއިން މަޢުލޫމާތުދޭގައި މި ރިސޯޓުގައި ތަފާތު ކެއުންތައް ލިބޭ ރެސްޓޯރެންޓަކާއި، އަވާނީ ސްޕާއެއްގެ އިތުރުން ސައިޒުގެ ގޮތުން ބޮޑު ސްވިމިންގ ޕޫލެއް ހުންނާނެއެވެ.

އަވާނީ ހޮޓެލްސް އެންޑް ރިސޯޓްސްއަކީ ރާއްޖޭގައި މިހާރުވެސް ރިސޯޓްތައް ހިންގަމުން އަންނަ އަނަންތާރާ ހޮޓެލްސް އެންޑް ރިސޯޓްސް ބްރޭންޑުގެ ވެސް މައި ކުންފުނި ކަމަށްވާ ތައިލޭންޑުގެ މައިނަރ ހޮޓެލްސްގެ ބުރޭންޑެކެވެ. އެކުންފުނިން މިހާރުވެސް ދަނީ ރާއްޖޭގައި އަނަންތާރާ ބުރޭންޑުގެ ތިން ރިސޯޓު ހިންގަމުންނެވެ.

ތައިލޭންޑުގެ ކުންފުންޏެއް ކަމަށްވާ މައިނަރ ހޮޓެލްސްއިން ދަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެތެރޭ ދުނިޔޭގެ އެކި ހިސާބުތަކުގައި އަވާނީ ހޮޓެލްސް އެންޑް ރިސޯޓްސް ބްރޭންޑުގެ ރިސޯޓް ހުޅުވުމަށް މަސައްކަތްކުރަމުންނެވެ.