ޚަބަރު

ސްޓެލްކޯގެ ޗައިލްޑް ކެއަރ ސެންޓަރު ހުޅުވައިފި


މަސައްކަތު ގަޑީގައި ސްޓެލްކޯގެ މުވައްޒަފުންގެ ކުދިން ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ތަނެއް ސްޓެލްކޯގައި ހުޅުވައިފިއެވެ.

މިއީ އަންހެނުންނަށް ބާރުވެރިކަން ހޯދައިދީ ވަޒީފާ އަދާކުރުމުގެ ފަހި ފުރުސަތު ކަށަވަރުކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން އިސްނަގައިގެން އޮފީސް މާޙައުލުގައި ކުދިން ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތުގެ ތެރެއިން ހުޅުވި ފުރަތަމަ ޗައިލްޑް ކެއަރ ސެންޓަރެވެ.

ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި މިސެންޓަރު ހުޅުވައިދެއްވީ ކުންފުނީގެ ޗެއަރމަން ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާޙީމް މުޙައްމަދު ދީދީއެވެ.

ސްޓެލްކޯގެ ޗައިލްޑް ކެއަރ ސެންޓަރަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ދުރު ވިސްނުންފުޅާއި، އިސްނެންގެވުމާއި އެއްގޮތަށް ސްޓެލްކޯގެ މެނޭޖްމަންޓުން ސްޓެލްކޯގެ މުވައްޒަފުންނަށް މަސައްކަތު ގަޑީގައި މުވައްޒަފުންގެ ދަރިން ތިބޭނެ ރައްކާތެރި، އިތުބާރުކުރެވޭ މާޙައުލެއް ހޯދާދިނުމުގެ ގޮތުން ޤާއިމްކުރި ތަނެކެވެ.

ޗައިލްޑް ކެއަރ ސެންޓަރު ހުޅުވުމަށްފަހު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ދެއްކެވި ވާހަކަފުޅުގައި މިތަނަކީ ސަރުކާރުން މުވައްޒަފުންނަށް ދެއްވި ހަދިޔާއެއްކަށް ވިދާޅުވިއެވެ. އަދި އެހަދިޔާ ބަލައިގަންނަކަން މުވައްޒަފުން ދައްކަންވާނީ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުންކަން ފާހަގަކުރައްވާ، ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ޚިދުމަތެއް ދިނުމަށް މުވައްޒަފުންގެ ކިބައިން އެދިލެއްވިއެވެ.

ޗައިލްޑް ކެއަރ ސެންޓަރަކީ 5އަހަރާއި 10 އަހަރާއި ދެމެދުގެ ކުދިންނަށް ޚާއްސަ ސެންޓަރެކެވެ. ސެންޓަރު ހުޅުވިފައި ހުންނާނީ ސަރުކާރުގެ ރަސްމީ މަސައްކަތްކުރާ ދުވަސްތަކުގެ ހެނދުނު 8:15 އިން ހަވީރު 4:00އަށެވެ. ސްޓެލްކޯއިން ވިދާޅުވީ ސްޓެލްކޯ ޗައިލްޑް ކެއަރ ސެންޓަރުގައި ޚިދުމަތް ހޯދާ ކުދިން ބެލެހެއްޓުމުގައި ތިބެނީ ކަމަށް ޤާބިލް، ކުދިން ގެންގުޅުމުގެ ހުނަރުހުރި މުވައްޒަފުންކަމަށެވެ. އެގޮތުން ކުދިންގެ އުމުރާއި ގުޅޭ ތަފާތު ގިނަ ހަރަކާތްތަކާއި، ކުޅިވަރުގެ ތެރެއިން އުނގެނުމަށްވެސް އިސްކަންދެވޭނެކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

ސްޓެލްކޯގެ އިތުރުން އެމްޕީއެލްއިންވެސް ޑޭކެއާ ޤާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެއިތުރުން އެޗްޑީސީން ހުޅުމާލޭގައި 3000 އަކަފޫޓުގެ 6 ފަންގިފިލައަށް ޑޭކެއާއެއް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިޑޭކެއަރ ތަރައްޤީ ކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ބޭނުން ކުރެވޭ ގޮތަށެވެ.

މީގެ އިތުރުން ޑޭ ކެއަރތައް ހެދުމަށް އިތުރު ކުންފުނިތަކާއެކުވެސް ޖެންޑަރ މިނިސްޓްރީން އަންނަނީ މަޝްވަރާ ކުރަމުންނެވެ. ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން އެކުލަވާލަން މަސައްކަތްކުރަމުން އަންނަ ޑޭކެއާތައް މާލޭގައި ޤާއިމުކުރުމަށް ބޭނުންވާ ބިން ނުލިބިގެން އެމަސައްކަތްކުރިއަށްގެންދިޔުމަށް ދަތިތަކެއްވަނީ ކުރިމަތިވެފައެވެ. މިއާއެކު ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ގުޅިގެން އެކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށްޓަކައި ޑޭކެއާގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.