މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "ލިޓަސް ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް 2022" ގެ ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހަސަން ޝާޒް މުޙައްމަދާއި އަޙްމަދު އިޔާދު ސައީދުގެ ޕެއާއިން ހޯދައިފިއެވެ.
އެއްވެސް މެޗަކުން ބަލިނުވެ ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދި ޝާޒް އާއި އިޔާދުގެ ޕެއާ ފައިނަލް މެޗްގައި ބައްދަލުކުރީ ވިނާ ސައިޑުގެ ސެމީގައި ބައްދަލުކުރި ހަސަން ޝަފްރާޒް އާއި އިސްމާޢީލް ރަޒީނުގެ ޕެއާއާއެވެ. ބުދަ ދުވަހުގެރޭ ކުޅުނު އެ މެޗު ޝާޒް އާއި އިޔާދުގެ ޕެއާއިން ކާމިޔާބުކުރީ 9-4 ގެ ނަތީޖާއަކުންނެވެ.
ޑަބަލްސް އިވެންޓްގެ ވިނާސް ބްރެކެޓްގެ ސެމީ ފައިނަލުގައިވެސް ވާދަކުރީ މި ދެ ޕެއާއެވެ. އެ މެޗު 7-4 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ފައިނަލްގެ ސީދާ ޖާގައެއް ހޯދީ ޝާޒް އާއި އިޔާދެވެ.
މި މަހުގެ 18 ގެ ނިޔަލަށް ކުރިއަށްގެންދާ ގައުމީ ބިލިއާޑް މުބާރާތުގައި ހަ އިވެންޓެއް ކުރިއަށްދާއިރު، މުބާރާތުގައި ކުރިއަށް އޮތީ މިކްސްޑް ޑަބަލްސް އިވެންޓެވެ. އެއަށްފަހު އެންމެ ފަހު އިވެންޓެއްގެ ގޮތުގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ޓީމު އިވެންޓެވެ.
މި ފަހަރުގެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން މުޙައްމަދު ސާހިލް ހަމީދު ހޯދާފައިވާއިރު، ފިރިހެން ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އިސްމާއީލް ޝިޔާމެވެ. އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ އާއިޝަތު އަލީއެވެ.
މި ފަހަރުގެ މުބާރާތުގެ ޓީމު އިވެންޓުގައި ފަސް ކުލަބަކުން ވާދަކުރާނެއެވެ. އެއީ 2021 ވަނަ އަހަރު ގެ ޓީމު އިވެންޓް ޗެމްޕިއަން ކުލަބު އީގަލްސް އާއި، ކަސްޓަމްސް ރެކްރިއޭޝަން ކުލަބާއި، އައިލޭންޑާސް ހޯޕް ސްޕޯޓްސް ކުލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ދިވެހި ސިފައިންގެ ކުލަބެވެ.
މި ފަހަރުގެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގައި 32 ކުޅުންތެރިން ވާދަކުރިއިރު، ފިރިހެން ދެވަނަ ޑިވިޝަނުގައި 51 ކުޅުންތެރިޔަކު ވާދަކުރިއެވެ. އަދި އަންހެން ޑިވިޝަނުގައި ހަތް ކުޅުންތެރިޔަކު ވަނީ ވާދަކޮށްފައެވެ. ޑަބަލްސް އިވެންޓުގައި 35 ޕެއާ ވާދަކުރިއިރު، މިކްސް ޑަބްލްސްގައި 10 ޕެއާއެއް ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ ކުޅުން ކުރިއަށްދަނީ ގައުމީ ބިލިއާޑް ސެންޓަރުގައެވެ.