ރާޅާއެޅުމުގެ ގައުމީ މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖް 1444 މާލޭ ރާޅުގަނޑު ސަރަހައްދުގައި ފަށައިފިއެވެ.
މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގައި މި އަހަރުވެސް ތިން ޑިވިޝަނަކުން ތިން ކެޓަގަރީއެއް ހިމެނެއެވެ. އެ ތިން ޑިވިޝަނަކީ ފިރިހެން އަދި އަންހެން ޑިވިޝަންގެ އިތުރުން ޖޫނިއާ ޑިވިޝަނެވެ. އެގޮތުން ފިރިހެން އޯޕަން ޑިވިޝަނުގައި ޝޯޓް ބޯޑާއި ލޯންގް ބޯޑް އަދި ސްޓޭޑިން ޕެޑަލް ސާފިން ހިމެނޭއިރު، ޓީމު އިވެންޓާއި މާސްޓާސް ކެޓެގަރީވެސް ހިމެނެއެވެ.
މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި އެންމެ މޮޅު ޓީމުތައް ހޮވާއިރު، މި އަހަރުގެ މުބާރާތުގައިވެސް 100 އަށްވުރެ ގިނަ ސާފަރުން ވާދަކުރެއެވެ. އަދި ވައިލްޑް ކާޑުގެ ދަށުން ޒުވާން ހަ ސާފަރަކަށް ވަނީ ފުރުސަތު ދީފައެވެ.
އެންމެ ފަހުން މިދިޔަ އަހަރު ބޭއްވި ގައުމީ މުބާރާތުގެ ފިރިހެން ޝޯޓް ބޯޑުގެ ޗެމްޕިއަންކަން ހޫދު އަޙްމަދު ހޯދިއިރު، ސްޓޭޑިން ޕެޑަލް ސާފިންގެ ޗެމްޕިއަންކަން ހޯދީ މުޙައްމަދު މުއާޒެވެ. އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އާޔާ ނަސީމް ހޯދިއިރު، ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދީ އަޙްމަދު އަމީރެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ އެންމެ މޮޅު ޓީމަކީ މާލޭ ޓީމެވެ.
އެމްޓީސީސީ ދިވެހި ސާފް ލީގުގެ މި އަހަރުގެ ފަހު މުބާރާތް ބުރާސްފަތި ދުވަހު ފެށިއިރު، ދިވެހި ސާފް ލީގުގައި މި އަހަރު ވަނީ މިހާތަނަށް ހަތަރު މުބާރާތެއް ކުރިއަށް ގެންގޮސްފައެވެ. އެއީ ގދ. ގައްދޫގައި ބޭއްވި ކަޅެގަލެކޮޑާ އާއި، މ. މުލީގައި ކުރިއަށްދިޔަ މުލީކޮޅު ރާޅުގަނޑާއި، ރ. ކިނޮޅަހުގައި ބޭއްވި ހުރާކޮޅު ރާޅުގަނޑުގެ އިތުރުން ކ. ހިންމަފުށީގައި ކުރިއަށްދިޔަ ގާމާދޫކޮޅު ރާޅުގަނޑެވެ.