އަންނަ ޑިސެމްބަރު މަހު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން މެލޭޝިއާ އާއި ސިންގަޕޫރާ ދެކޮޅަށް ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ހަމަޖެހިއްޖެއެވެ.
އެކުވެރިކަމުގެ ގިނަ މެޗުތައް ކުޅުން އެއީ ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ އަމާޒެކެވެ. އަދި މުބާރާތްތަކަށް ކުރިމަތިލުމުގެ ކުރިން ޒުވާން ގައުމީ ޓީމެއް ބިނާކުރުން އެއީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މޮރިއޭރޯއަށް ހަވާލުކޮށްފައިވާ ބޮޑު މަޝްރޫއެކެވެ.
އެފްއޭއެމުން ހާމަކޮށްފައިވާ ގޮތުން އަންނަ މަހުގެ 14 ވަނަ ދުވަހު ރާއްޖޭން މެލޭޝިއާއާ ދެކޮޅަށް ކުޅޭއިރު، ސިންގަޕޫރާ ދެކޮޅަށް ނުކުންނާނީ އޭގެ ތިން ދުވަސް ފަހުން އަންނަ މަހުގެ 17 ވަނަ ދުވަހެވެ. މި ދެ މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ ސިންގަޕޫރުގެ ޖަލަން ބެސަރ ސްޓޭޑިއަމުގައެވެ.
ގައުމީ ޓީމުން ރަށުން ބޭރުގައި މެލޭޝިއާ އާއި ސިންގަޕޫރާ ދެކޮޅަށް ނުކުންނައިރު، މެލޭޝިއާ އޮތީ ފީފާ ވޯލްޑް ރޭންކިންގެ 146 ވަނައިގައެވެ. އަދި ސިންގަޕޯ 160 ވަނައިގައި އޮތްއިރު، އެންމެ ފަހުން ނެރުނު ވޯލްޑް ރޭންކިންގައި ރާއްޖެ އޮތީ 154 ވަނައިގައެވެ.
މީގެ ކުރިން މިދިޔަ ސެޕްޓެމްބަރު މަހުވެސް ގައުމީ ޓީމުން ވަނީ ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދެ މެޗު ކުޅެފައެވެ. އެގޮތުން ބުރޫނާއީ ދާރުއްސަލާމުގައި ކުޅުނު މި ދެ މެޗުވެސް ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. ފުރަތަމަ މެޗުގައި ބުރޫނާއީ އަތުން ރާއްޖެ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުގައި ލާއޯސް އަތުން ރާއްޖެ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.
ގައުމީ ޓީމުން މެލޭޝިއާ އާއި ސިންގަޕޫރާ ދެކޮޅަށް ނުކުންނައިރު، ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީއަށް މި މެޗުތަކުގައި ނުކުޅެވޭނެއެވެ. އެގޮތުން އެންމެ ފަހުން ސެޕްޓެމްބަރު މަހު ކުޅުނު އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން ލާއޯސްއާ ދެކޮޅަށް ކުޅުނު މެޗުގައި އަކުރަމުގެ ކަކުލަށް ވަނީ އަނިޔާވެފައެވެ. އެ އަނިޔާއާ ގުޅިގެން އަކުރަމް ވަނީ ކަކުލުގެ އޮޕަރޭޝަނެއްވެސް ކޮށްފައެވެ.