އިނގިރޭސި ލީގު ކަޕުގެ ހަތަރުވަނަ ބުރުން މެންޗެސްޓާ ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ.
މިމުބާރާތުގެ ހަތަރު ވަނަ ބުރުން ޔުނައިޓެޑް ޖާގަހޯދީ ތިންވަނަ ބުރުގައި އެސްޓަން ވިލާ އާއި ބައްދަލުކުރި މެޗް 4-2 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މިމެޗްގައި ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑްއިންނެވެ. ނަމަވެސް ގިނަ ލަނޑު ތަކެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ.
މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 48 ވަނަ މިނެޓްގައި ޖަހާ ލީޑް ނެގީ ވިލާއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އޮލީ ވޮޓްކިންސްއެވެ. ނަމަވެސް މިލަނޑު ޖެހިތާ އެއްމިނެޓްފަހުން ޔުނަައިޓެޑްގެ އެންތަނީ މާޝިއަލް ވަނީ ލަނޑެއް ޖަހާދީ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މިމެޗްގައި ދެންވެސް ފެނިގެންދިޔައީ ވިލާއިން އަނެއްކާ ލީޑް ނެގި ތަނެވެ. ވިލާގެ މިލަނޑަކީ މެޗްގެ 61 ވަނަ މިނެޓގައި ޔުނައިޓެޑްގެ ޑިއޮގޯ ޑަލޮޓް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މިމެޗްގައި ޔުނައިޓެޑްއިން ދެވަނަ ފަހަރަށް މެޗްގެ ނަތީޖާ ހަމަހަމަ ކުރީ މެޗްގެ 67 ވަނަ މިނެޓގައި މާކަސް ރަޝްފަޑް ޖަހާދިން ލަނޑުންނެވެ. އަދި މިމެޗްގައި ޔުނައިޓެޑްއިން ފުރަތަމަ ފަހަރަށް ލީޑު ނެގީ 78 ވަނަ މިނެޓްގައި އަލެހަންޑްރޯ ގަނާޗޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބްރޫނޯ ފެނާންޑޭޒްއެވެ. އަދި މިމެޗްގައި ޔުނައިޓެޑްގެ ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައި ޖަހާދިނީ އަނެއްކާވެސް ގަނާޗޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ސްކޮޓް މެކް ޓިމިނޭއެވެ. މިއާއެކު ގަނާޗޯ ވެފައިވަނީ އެއްމެޗެއްގައި ދެ އެސިސްޓް ދިން ޔުނައިޓެޑްގެ އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.
މިކާމިޔާބީއާއެކު ޔުނައިޓެޑް މިވަނީ މިމުބާރާތުގެ ހަތަރު ވަނަ ބުރުން ޖާގަހޯދާފައެވެ.