ކުޅިވަރު

ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް: މިކްސް ޑަބަލްސް އިވެންޓުގެ ސެމީގެ ޖާގަތައް ކަށަވަރުވެއްޖެ


މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "ލިޓަސް ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް 2022" ގެ މިކްސް ޑަބަލްސް އިވެންޓް ސެމީ ފައިނަލަށް ހުސެން ފަޔާޒް އާއި އާމިނަތު ފާތީގެ ޕެއާ އަދި ފާއިތުވި އަހަރުގެ ޗެމްޕިއަން ޕެއާ ކަމައްވާ އަލީ ފަޔާޒް އާއި ދީނާ އަޙްމަދު ދަތުރުކޮށްފިއެވެ.

ހުސެން ފަޔާޒް އާއި އާމިނަތު ފާތީގެ ޕެއާ ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ ފޯރިގަދަ ކުޅުމަކަށް ފަހު ހަސަން ޝާޒް މުޙައްމަދާއި އާމިނަތު އަޒްރާގެ ޕެއާ އަތުން 5-4ން މެޗް ކާމިޔާބުކޮއްގެންނެވެ. އަދި އަލީ ފަޔާޒް އާއި ދީނާ އަޙްމަދުގެ ޕެއަރ ސެމީ ފައިނަލް އަށް ދަތުރުކޮއްފައިވަނީ މުޙައްމަދު ޝާހިލް ހަމީދު އަދި ފަޒްނާ މޫސާގެ ޕެއަރ އާއި ބައްދަލުކޮށް 5-2ން މެޗް ކާމިޔާބުކޮއްގެންނެވެ.

ލޫސަރ ސައިޑްގެ މެޗްތައް ވެސް މިއަދު ކުރިޔައްދާނެއެވެ. ލޫސާ ސައިޑްގެ ފުރަތަމަ ސެމީ ގައި ބައްދަލުކުރާނީ ހަސަން ޝާޒް މުޙައްމަދު އަދި އާމިނަތު އަޒްރާގެ ޕެއަރ އާއި އަހުސަން ހާޝިމް އަދި އާއިޝަތު އަލީގެ ޕެއަރ އެވެ. މި 2 މެޗްވެސް ކުޅުމަށް ހަމަޖެހިފައިވަނީ މެންދުރު 3 ޖަހާއިރުއެވެ. އަދި ލޫސާރ ސައިޑްގެ ދެވަނަ ސެމީ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ 6.30 ގައެވެ. މިކްސް ޑަބަލްސް އިވެންޓްގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 10 ޖަހާއިރުއެވެ.

މިމަހުގެ 3ން ފެށިގެން މިމަހުގެ 18ގެ ނިޔަލަށް ކުރިއަށްގެންދާ "ލިޓަސް ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް 2022"ގައި ހަ އިވެންޓެއް ކުރިއަށްދާނެއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ޓީމު އިވެންޓާއި ފިރިހެން ފުރަތަމަ ޑިވިޝަނާއި ފިރިހެން ދެވަނަ ޑިވިޝަނާއި އަންހެން ޑިވިޝަނާއި ޑަބަލްސް އިވެންޓް އަދި މިކްސް ޑަބަލްސްއެވެ.

މުބާރާތުގެ ޓީމު އިވެންޓުގައި ފަސް ކްލަބަކުން ވާދަކުރެއެވެ. އެއީ 2021 ވަނަ އަހަރު ގެ ޓީމް އިވެންޓް ޗެމްޕިއަން ކްލަބު އީގަލްސް އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި އައިލޭންޑަރސް ހޯޕް ސްޕޯޓްސް ކުލަބް އާއި މާޒިޔާ ސްޕޯޓްސް އަދި ދިވެހި ސިފައިންގެ ކްލަބެވެ.

އެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގައި 32 ކުޅުންތެރިޔަކު ވާދަކުރާ އިރު، ފިރިހެން ދެވަނަ ޑިވިޝަންގައި 51 ކުޅުންތެރިޔަކު ވާދަކުރެއެވެ. އަންހެން ޑިވިޝަންގައި 7 ކުޅުންތެރިޔަކު ވާދަކުރެއެވެ. ޑަބަލްސް އިވެންޓުގައި 35 ޕެއަރ ވާދަކުރާ އިރު، މިކްސް ޑަބްލްސްގައި 10 ޕެއާ ވާދަކުރެއެވެ.