ޗައިނާގެ 13 ކުންފުންޏަކަށް 2.5 މިލިއަން ޓަނުގެ ޕާމް އޮއިލް ވިއްކަން އިންޑޮނޭޝިއާއިން އެއްބަސްވފައިވާކަމަށް އެޤައުމުގެ ވިޔަފާރިއާއި ބެހޭ ވުޒާރާއިން ބުނެފިއެވެ. މި ޕާމް އޮއިލް އަގު 2.6 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.
އިންޑޮނޭޝިއާއިން މިގޮތަށް އެއްބަސްވެފައި މިވަނީ މިދިޔަ ޖުލައި މަހު އެ ގައުމުގެ ރައީސް ޖޯކޯ ވިޑޯޑޯ ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހުއެވެ. ޗައިނާއިން އިތުރު 1 މިލިއަން ޓަނުގެ ޕާމް އޮއިލް އިމްޕޯޓުކުރާނެ ކަމަށް ބުނެފައިވާ ކަމަށް އިންޑިނޭޝިއާ ސަރުކާރުން މީގެކުރިން ވަނީ ބުނެފައެވެ. މި އެއްބަސްވުމަކީ ކިހާ މުއްދަތައްކަށް ވެފައިވާ އެއްބަސްވުމެއް ކަމަށް ސާފުނުވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މި އެއްބަސްވުމުގެ ދަށުން ޕާމް އޮއިލް ޗައިނާ އަށް އެކްސްޕޯޓުކުރުމަކުން އިންޑޮނޭޝިއާގެ އެތެރޭގެ ކައްކާތެލުގެ އުފެއްދުންތައް މަދުނުވާނެ ކަމަށް އިންޑޮނޭޝިއާގެ ވިޔަފާރިއާއި ބެހޭ ވަޒީރު ޒުލްކިފްލީ ހަސަން ވިދާޅުވިއެވެ. އެގޮތަށް އެހެން ނުވާނީ އެކްސްޕޯޓުކުރުމުގެ ހުއްދަ ހޯދުމަށް ސަޕްލަޔަރުން އެތެރޭގެ މާކެޓަށް ބޭނުންވާ ވަރަށް ސަޕްލައި ކޮށްދޭންޖެހޭ އުސޫލެއް ސަރުކާރުން ކަނޑައަޅާފައި އޮތުމުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
2021 ވަނަ އަހަރު 6.6 މިލިއަން ޓަނުގެ ޕާމް އޮއިލް އިންޑޮނޭޝިއާއިން ޗަނާއަށް އެކްޕޯޓުކޮށްފައިވާކަމަށް ވިޔަފާރިއާއި ބެހޭ ވުޒާރާއިން ބުނެއެވެ. ތެޔޮ ވިއްކާ އަގު ކޮންޓްރޯލު ކުރުމަށްޓަކައި ޕާމް އޮއިލް އެކްސްޕޯޓުކުރުން އޭޕްރީލް މަހުން ފެށިގެން ތިން ހަފްތާ ވަންދެން މަނާކޮށްފައި އޮތުމަށްފަހު މިދިޔަ މެއި މަހު ފަހު ކޮޅު އަނެއްކާވެސް އެ ގައުމުން ވަނީ ޕާމް އޮއިލް އެކްސްޕޯޓު ކުރަން ސަޕްލަޔަރުންނަށް ހުއްދަ ދީފައެވެ.
ނަމަވެސް އެތެރޭގެ ސަޕްލައިގެ ސަލާމަތަށްޓަކައި ޕާމް އޮއިލް އެކްސްޕޯޓު ކުރާ އެންމެންވެސް ފުރަތަމަ ޖެހޭނީ އެކްސްޕޯޓުގެ ކޮންމެވެސް މިންވަރެއް އިންޑޮނޭޝިއާގައި ވިއްކާށެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ޕާމް އޮއިލްގެ އަގު ވަނީ އުފުލިފައެވެ. އެކްސްޕޯޓު ކުރުން މަދުކުރުމުގެ ސަބަބުން ޕާމް ފުރުޓް ގަންނަ މީހުންވެސް ވަނީ މަދުވެފައެވެ. މިއާއެކު ޕާމް ފުރުޓްގެ އަގު ވަނީ ތިރިވެފައެވެ.
އިންޑޮނޭޝިޔާއަކީ ދުނިޔޭގައި އެންމެ ގިނައިން ޕާމް އޮއިލް އުފައްދާ އަދި އެންމެ ގިނަ ޢަދަދަކަށް ޕާމް އޮއިލް އެކްސްޕޯޓުކުރާ ޤައުމެވެ. އެ ޤައުމުން 2.5 މިލިއަން ޓަނުގެ ޕާމް އޮއިލް މަހެއްގެ މައްޗަށް އެކްސްޕޯޓުކުރެއެވެ. އެއީ 3 ބިލިއަން އެމެރިކާ ޑޮލަރުގެ ޕާމް އޮއިލް އެވެ.