އިޤްތިޞާދީގޮތުން މިހާތަނަށް ކުރިމަތިވި ދަތިތަކުން އަރައިގަނެވި، މިހާރު އިޤްތިޞާދީ ކުރިމަގު ފެންނަނީ އުންމީދީ ގޮތެއްގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކޯވިޑް 19 އާއި އަދި އޭގެ ފަހުން ކުރިމަތިވި ރަޝިޔާ ޔޫކްރޭން ހަނގުރާމައިގެ ސަބަބުން، އިޤްތިޞޯދީ ގޮތުން ރާއްޖެ ވެއްޓުނު ފުންވަޅުގަނޑުން، ސަރުކާރާ ރައްޔިތުންގެ މަސައްކަތުން އަރައިގަނެވިފައިވާކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިއީ މުޅި ދުނިޔެއަށްވެސް ދަތިދުވަސް ވަރެއްކަމުގައިވާތީ ރާއްޖެއަށްވެސް އޭގެ އަސަރުތައް ކުރަމުންދާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިކަންކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރަށްވުރެ ބޮޑީ ސިޔާސީ ބޭނުމަށްޓަކައި، ރާއްޖެ ބަނގުރޫޓްވެ ، އިޤްތިޞާދު އިނދަޖެހި ރައްޔިތުން ބިކަވެއްޖެ ކަމުގެ ބިރު ރައްޔިތުންނަށް ދެއްކުމަށް ފަތުރަމުންދާ އަޑުތަކުގެ ސަބަބުން ކުރާ އަސަރުތައްކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި އިސްކަންދީފައިވާކަންވެސް ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް މިކަންކަން ކުރާނީ ރައްޔިތުންނަށާއި އިޤްޠިޞާދަށް އޭގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރު އެންމެ ކުޑަވާނެގޮތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ދުނިޔޭގެ މާލީ އިދާރާތަކުގެ ލަފަޔާ އެއްގޮތަށް، އާމްދަނީ އިތުރުކުރުމުގެ ގޮތުން ޓެކްސް ރޭޓްތަކަށް ބަދަލު ގެނައުމަށް ސަރުކާރުން ވާނީ ހުށަހަޅައިފައި. ދައުލަތަށް ބޭރު ފައިސާ އެންމެ ގިނައިން ލިބެނީ ޓީ.ޖީ.އެސް.ޓީ.ގެ ގޮތުގާއި. ޓެކްސްގެ ނިޒާމަށް ގެނެވޭ ބަދަލާއެކު، ދައުލަތުގެ ރަސްމީ ރިޒަރވަށްވެސް އޭގެ ހެޔޮ އަސަރުކުރާނެ. މި ގެންނަ ބަދަލަކީ، ރަނގަޅު ބަދަލެއްކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އެމް.އެމް.އޭ.ގެ މާލީ ބޭފުޅުންނަށް." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާއިތުވި 4 އަހަރުގެ ތެރޭގައި އިޤްތިޞާދީ ހަރަކާތްތައް ކުރިޔަށްގެންދިއުމާއި އެދާއިރާއިން ޙާޞިލުކުރެވިފައިވާ ބައެއް ކުރިއެރުންތަކަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ފާއިތުވި 4 އަހަރުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އުފެދި ތަރައްޤީވުމަށް ފަހި މާހައުލެއް ޤާއިމްކޮށްދެވިފައިވާކަމާއި ވިޔަފާރިތައް ރަޖިސްޓްރީކުރުމާއި ހިންގުމުގައި ހުރި އިދާރީ ހުރަސްތައް، ކުޑަކުރެވި މި ނިޒާމް ޑިޖިޓައިޒް ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފާއިތުވި 4 އަހަރުގެ ބައެއް ކުރިއެރުންތައް ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީފާ އަދާކުރާ މީހާއަށް އެންމެ ކުޑަވެގެން ދެވޭނެ އުޖޫރަ ޤާނޫނަކުން ކަނޑައަޅާފައިވުމާއި ތަޢުލީމީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ހެޔޮ ބަދަލު ފާހަގަކުރައްވާފައެވެ. އަދި ހަމަ މި ހެޔޮ ބަދަލު އަންނަ އަހަރު ޞިއްޙީ ދާއިރާއަށް ގެނެވޭނެކަން އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.