ކުޅިވަރު

ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް: މިކްސް ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން އަލީ އާއި ދީނާގެ ޕެއާއަށް


މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "ލިޓަސް ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް 2022" ގެ މިކްސް ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން އަލީ ފަޔާޒް އާއި ދީނާ އަޙްމަދުގެ ޕެއާއިން ކާމިޔާބުކޮށްފިއެވެ.

މި ބައިގެ ތަށި އެންމެ ފަހުގެ ޗެމްޕިއަން އަލީ ފަޔާޒް އާއި ދީނާގެ ޕެއާއިން ދިފާއުކުރީ ހުކުރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި ހުސެއިން ފަޔާޒް އާއި އާމިނަތު ފާތީ ގެ ޕެއާ އަތުން 7-6 އިން މޮޅުވެގެންނެވެ. މި ބައިގެ ސެމީ ފައިނަލުގައިވެސް މި ދެ ޕެއާ ބައްދަލުކޮށް ސެމީގެ މެޗުން އަލީ ފަޔާޒް އާއި ދީނާގެ ޕެއާ މޮޅުވީ 5-4 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ ސެމީ ފައިނަލުގައި ހުސެއިން ފަޔާޒް އާއި ފާތީ ވަނީ ހަސަން ޝާޒް މުޙައްމަދާއި އާމިނަތު އަޒްރާގެ ޕެއާއާ ބައްދަލުކޮށް 5-4 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ.

މި މަހުގެ 18 ގެ ނިޔަލަށް ކުރިއަށްގެންދާ ގައުމީ ބިލިއާޑް މުބާރާތުގައި ހަ އިވެންޓެއް ކުރިއަށްދާއިރު، މުބާރާތުގައި ކުރިއަށް އޮތީ އެންމެ ފަހު އިވެންޓު ކަމަށްވާ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ޓީމު އިވެންޓެވެ.

މި ފަހަރުގެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން މުޙައްމަދު ސާހިލް ހަމީދު ހޯދާފައިވާއިރު، ފިރިހެން ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އިސްމާއީލް ޝިޔާމެވެ. އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން އާއިޝަތު އަލީ ހޯދިއިރު، ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހަސަން ޝާޒް މުޙައްމަދާއި އަޙްމަދު އިޔާދު ސައީދުގެ ޕެއާއިންނެވެ.

މި ފަހަރުގެ މުބާރާތުގެ ޓީމު އިވެންޓުގައި ފަސް ކުލަބަކުން ވާދަކުރާނެއެވެ. އެއީ 2021 ވަނަ އަހަރު ގެ ޓީމު އިވެންޓް ޗެމްޕިއަން ކުލަބު އީގަލްސް އާއި، ކަސްޓަމްސް ރެކްރިއޭޝަން ކުލަބާއި، އައިލޭންޑާސް ހޯޕް ސްޕޯޓްސް ކުލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ދިވެހި ސިފައިންގެ ކުލަބެވެ.

މި ފަހަރުގެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގައި 32 ކުޅުންތެރިން ވާދަކުރިއިރު، ފިރިހެން ދެވަނަ ޑިވިޝަނުގައި 51 ކުޅުންތެރިޔަކު ވާދަކުރިއެވެ. އަދި އަންހެން ޑިވިޝަނުގައި ހަތް ކުޅުންތެރިޔަކު ވަނީ ވާދަކޮށްފައެވެ. ޑަބަލްސް އިވެންޓުގައި 35 ޕެއާ ވާދަކުރިއިރު، މިކްސް ޑަބްލްސްގައި 10 ޕެއާއެއް ވަނީ ވާދަކޮށްފައެވެ.

މި މުބާރާތުގެ ކުޅުން ކުރިއަށްދަނީ ގައުމީ ބިލިއާޑް ސެންޓަރުގައެވެ.