ގައުމީ ޓެނިސް ޗެމްޕިއަންޝިޕް 2022 ގެ ތިން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި ޒުވާން ތަރި ނަބާ ނިޝާން އޭނާގެ ރިކޯޑު ތަކުރާރުކޮށްފިއެވެ.
އުމުރުން އެންމެ 12 އަހަރުގެ ނަބާ، މި އަހަރުގެ މުބާރާތުގައި ވާދަކުރި ތިން ޑިވިޝަނުގެ ޗެމްޕިއަންކަންވެސް ހޯދިއިރު، މިދިޔަ އަހަރުވެސް އޭނާ ވަނީ މި ރިކޯޑު ހަދާފައެވެ. އެގޮތުން ނަބާ ވަނީ މިދިޔަ އަހަރާއި މި އަހަރުގެ މުބާރާތުގެ ޖޫނިއާ އޯޕަން ސިންގަލްސްގެ އަންހެން ޗެމްޕިއަންކަމާއި، އޯޕަންގެ ޑަބަލްސް ބައިގެ ޗެމްޕިއަންކަމުގެ އިތުރުން އޯޕަން ސިންގްލަސް އަންހެން ބައިގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ.
ޖޫނިއާ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ފައިނަލުގައި އަޔެޝާ ޒޯޔާ އަލީ ސުޒެއިން ބަލިކުރުމަށްފަހު ނަބާ ހޯދިއިރު، އޯޕަންގެ ޑަބަލްސް ބައިގެ ޗެމްޕިއަން ނަބާ އާއި ލަޔާން މުޙައްމަދު ޝާމިންގެ ޕެއާއިން ހޯދީ ފައިނަލުގައި އައިޝަތު ޔުމްން ނިޔާޒް އާއި މިޝަލް މުޙައްމަދުގެ ޕެއާ ބަލިކުރުމަށްފަހުއެވެ. އަދި މުބާރާތުގެ އެންމެ ޝަރަފުވެރި އޯޕަން ސިންގްލަސް އަންހެން ބައިގެ ޗެމްޕިއަންކަން ނަބާ ހޯދާފައިވަނީ ފައިނަލުގައި ނަޔާރާ އުސާމާ އަލީ ބަލިކުރުމަށްފަހުއެވެ.
ގައުމީ މުބާރާތުގެ ރަން ތަށި ކާމިޔާބުކުރި އުމުރުން އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިވާ ނަބާ މި ފަހަރުގެ މުބާރާތުގައިވެސް ވިދާލިއިރު، އޭނާ އަންނަނީ މި ފަހަކަށް އައިސް ބައިނަލްއަގުވާމީ މުބާރާތްތަކުގައިވެސް ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ.
މީގެ އިތުރުން މި ފަހަރުގެ ގައުމީ ޓެނިސް މުބާރާތުގެ އޯޕަން ބައިގެ ފިިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އަބްދުﷲ ފާއިހް ފަޒީލް (ފާއީ) އެވެ. އަދި އޯޕަން ބައިގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ފާއީ އާއި އަޙްމަދު ފާރިޒް ފަޒީލުގެ ޕެއާއިން ހޯދިއިރު، އޯޕަން މިކްސް ޑަބަލްސްގެ ޗެމްޕިއަނުންނަކީ އަޙްމަދު އައިހަމް ޝިޔާމާއި ނަޔާރާ އުސާމާ އަލީގެ ޕެއާއެވެ. މި މުބާރާތުގެ ޖޫނިއާ އޯޕަންސް ބައިގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ދާއޫދު ޝަހީބު ހޯދިއިރު، ފިރިހެން 45 އަހަރުން މަތީގެ ޗެމްޕިއަންކަން ހޯދީ ސައުދުﷲ އިބްރާހީމެވެ.