ގަތަރުގައި މި ފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އާޖެންޓީނާގެ ގައުމީ ޓީމު އިއުލާނުކޮށްފިއެވެ.
26 ކުޅުންތެރިންގެ މައްޗަށް އެކުލެވޭ މިޓީމްގެ އެންމެ ކުރީ ސަފުގައި ހިމެނެނީ ފަސްވަނަ ވާރލްޑް ކަޕަަކަށް ކުރިމަތިލާން ތައްޔާރުވާ ކެޕްޓަން ލިއޮނެލް މެސީއެވެ.
މިފަހަރުގެ މުބާރާތަށް އެކުލަވާލާފައިވާ އާޖެންޓީނާ ޓީމް ނެގުމުގައި ކޯޗް ލިއޮނެލް ސްކޮލޯނީ ވަނީ ދުވަސްވީ ތަޖްރިބާކާރު ކުޅުންތެރިންނާއި ޒުވާން ހުނަރުވެރިން ހިމަނާފައިވާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން އުމުރުން 35 އަހަރުގެ މެސީގެ އިތުރުން 34 އަހަރުގެ އެންހެލް ޑި މާރިއާ ފަދަ ކުޅުންތެރިން ހިމަނާފައިވާއިރު ހޫލިއަން އަލްވަރޭޒް ފަދަ ޒުވާން އަރަމުން އަންނަ ހުނަރުވެރި ކުޅުންތެރިންވެސް ހިމެނިފައިވެއެވެ. މިފަހަރުގެ ޓީމްގައި ހިމެނިފައިވާ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ހައިރާންކަން ލިބިފައިވަނީ އަނިޔާގައި ހުރި ޕައުލޯ ޑިބާލާ ޓީމްގައި ހިމެނިފައިވުމުންނެވެ. އޭއެސް ރޯމާއަށް ކުޅެނިކޮށް ލިބުނު އަނިޔާ އާ އެކު އޭނާ މިފަހަރުގެ ވާރލްޑް ކަޕުން ނުފެންނާނެކަމަށް ބެލެވިފައިވީ ނަމަވެސް ސްކޮލޯނީ ވަނީ އޭނާ ޓީމްގައި ހިމަނާފައެވެ.
މިދިޔަ އަހަރު ކޮޕާ އެމެރިކާ ކާމިޔާބުކުރި އާޖެންޓީނާ ޓީމްގައި ހިމެނުނު 21 ކުޅުންތެރިޔަކަށް ސްކޮލޯނީވަނީ މިފަހަރުގެ ޓީމުން ޖާގަދީފައެވެ. އާޖެންޓީނާވަނީ ފީފާ ވާރލްޑް ކަޕް ދެފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ. އެއީ 1978 ވަނަ އަހަރާއި 1986 ވަނަ އަހަރެެވެ. އެންމެފަހުން ކުޅުނު 35 މެޗުންވެސް ބަލިވެފައިނުވާ އާޖެންޓީނާ މިފަހަރުގެ ވާރލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗްގައި ނިކުންނާނީ މިމަހުގެ 22 ވަނަ ދުވަހު ސައުދީ އަރަބިއާ އާދެކޮޅަށެވެ. މީގެއިތުރުން އާޖެންޓީނާ ހިމެނޭ ގްރޫޕް ސީގައި ހިމެނެނީ މެކްސިކޯ އާއި ޕޯލަންޑެވެ.