އދ. މަހިބަދޫ ކައިންސިލުން އިންތިޒާމުކޮށްގެން ބާއްވާ މަހިބަދޫ ޒުވާނުންގެ 19 ވަނަ ފުޓްބޯޅަ މުބާރާތުގެ ތާވަލުގެ އެއްވަނައަށް އެންމެ ފަހުގެ ޗެމްޕިއަން ޖިބިއްލީ ސްޕޯޓްސް ކުލަބު ޖެހިލައިފިއެވެ.
ޖިބިއްލީން ތާވަލުގެ އެންމެ ކުރިއަށް ޖެހިލީ، ޖިބިއްލީ ޖޫނިއާސް އާއި ވާދަކުރިމެޗު 6-1ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. ނަތީޖާގެ ފަރަގު ބޮޑުނަމަވެސް މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައިވަނީ ވާދަވެރި ކުޅުމަކަށް ވުރެ ބޮޑަށް އެކުވެރިކަމުގެ ރޫހެވެ. ޚާއްސަކޮށް ޖިބިއްލީން އެޓީމަށް ލުބުނު ގިނަ ހަމަލާތަކުގައި ސީދާ ގޯލަށް ނިންމާލުމުގެ މާބޮޑު ފަރުވާއެއް ބެހެއްޓިތަން ފެނިގެން ގޮސްފައެއް ނުވެއެވެ.
މިމެޗުގައި ޖިބިއްލީއަށް އެޓީމުގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ނާއިޒް ހަސަން (ދާދު) އާއި، އަސަދުﷲ އަބްދުﷲގެ އިތުރުން އަލީ ރިޝާމްއެވެ. މި ކުޅުންތެރިންގެ ތެރެއިން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަސަދުﷲ ވަނީ 4 ލަނޑު ކާމިޔާބު ކޮށްފައެވެ.
ޖިބިއްލީ ޖޫނިއާސްއަށް މެޗުގެ ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިސްމާއިލް ވިފާގެވެ.
މިމެޗުން މޮޅުވެ ޖިބިއްލީން ތާވަލުގެ އެއްވަނައަށް ޖެހިލީ ޖުމްލަ 9 ޕޮއިންޓާއި އެކުއެވެ. ދެވަނާގައި އޮތް ސްޕޯޓިން އަޒިއޯންއަށްވެސް ލިބެނީ 9 ޕޮއިންޓެވެ. އެގޮތުން ޖިބިއްލީއަށް އެއްވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ.