އޭޝިއަން ސައިކްލިން ކޮންފެޑެރޭޝަން (އޭސީސީ) އާއި ޔޫނިއަން ސައިކްލިން އިންޓަނޭޝަނަލް (ޔޫސީއައި) ގުޅިގެން އިންޑިއާގައި ބާއްވާ ތަމްރީނުތަކަކަށް ރާއްޖޭގެ ތިން އެތުލީޓަކާއި ދެ ކޯޗުން ފުރައިފިއެވެ.
އިންޑިއާގެ ނިއު ދިއްލީގައި މި ސައިކްލިން ކޭމްޕު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 އިން 28 ގެ ނިޔަލަށެވެ. މި ކޭމްޕުގައި ރާއްޖޭގެ ފަރާތުން ބައިވެރިވަނީ ތިން އެތްލީޓެކެވެ.
އެއީ ސީއެޗްސްއީގެ މުޙައްމަދު ސައިފްޝާން އަބްދުﷲ އާއި އަހުމަދު އަތީކު އާމިރުގެ އިތުރުން ޣާޒީ ސްކޫލްގެ މާކިން ޔޫސުފު އޯލާ ގާމޭޖްއެވެ. މިއީ މިފަދަ ކޭމްޕެއްގައި ރާއްޖޭގެ ފަރާތުން ދުއްވުންތެރިން ބައިވެރިވާ ފުރަތަމަ ފަހަރެވެ. މީގެއިތުރުން ތަމްރީނު ޕްރޮގްރާމެއްގައި ރާއްޖޭގެ ދެ ކޯޗުން މި ކޭމްޕުގެ ތެރެއިން ބައިވެރިވާނެ އެވެ. އެ ކޯޗުންނަކީ އިބްރާހިމް ތަޢުފީގް އާއި މުޙައްމަދު މަޢުރޫފެވެ.
ފުރުމުގެ ކުރިން ޕީއެސްއެމް ސްޕޯޓްސް އާއި ވާހަކަދައްކަމުން މުހައްމަދު ސައިފްޝާން އަބްދުﷲ ބުނީ މިއީ މިއީ ލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި މި ފުރުސަތު ދިން ކަމަށްޓަކާ ބައިކް މޯލްޑިވްސް އަށް ޝުކުރުއަދާކުރާ ކަމަށެވެ. އަދި އާ މާހައުލެއްގައި ތަމްރީނުވާން ލިބޭ ފުރުސަތާއެކު އުއްމީދަކީ މުސްތަގްބަލުގައި މިފަދަ އިތުރު ފުރުސަތުތަކެއް ލިބުން ކަމަށްވެސް ބުންޏެވެ.
އިންޑިއާގައި ބާއްވާ ތަމްރީނުތަކަށް ފުރި ކޯޗު މުހައްމަދު މައުރޫފް ބުނީ މިއީ ކޯޗުންނާއި ދުއްވުންތެރިންނަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި ޓްރެއިނިން ލިބުމުން ފެންނާނެ ތަފާތުތައް މި ދަތުރުން އެނގިގެންދާނެ ކަމަށެވެ.
ބައިކް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލް އަސްމާ ހަސަން ވިދާޅުވީ މިއީ ބައިކް މޯލްޑިވްސް އަށް އުފާވެރި ދުވަހެއް ކަމަށާއި މިއީ ފެށުމެއް ކަމަށެވެ. އަދި މިއީ ބޭނުންތެރި ފުރުސަތެއް ކަމަށާއި ރާއްޖޭގައި ދުއްވާނެ ތަނެއް ވެސް ނެތް ކަމަށެވެ. އެހެންކަމުން މިފަދަ ކޭމްޕުތަކުން ދުއްވުންތެރިންނަށް ގިނަ ތަޖުރިބާތަކެއް ލިބިގެންދާނެ ކަަމަށް ގަބޫލުކުރާ ކަމަށްވެސް އަސްމާ ވިދާޅުވިއެވެ.
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ޔޫނިއަން ސައިކްލިންގ އިންޓަރނޭޝަނަލް ކޯޗިންގ ކޯސް މިދިޔަ އަހަރު ފުރިހަމަކުރީ، އެ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް އަސްމާ ޙަސަންއާއި މެމްބަރު މުޙައްމަދު ޝާކިރެވެ.
ރާއްޖޭން ސައިކްލިންގެ އެތްލީޓުންނާއި ކޯޗުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ފެށީ 2023 ވަނަ އަހަރު ސްކޮޓްލޭންޑުގެ ގްލާސްގޯގައި ބާއްވާ ޔޫސީއައި ސައިކްލިން ވޯލްޑް ޗެމްޕިއަންޝިޕަށް ޓީމު ތައްޔާރުކުރުމެވެ.