ކުޅިވަރު

ގްރޯން ޕްރީ: އެންމެ މޮޅު އެތުލީޓުންނަކީ ފަޒީލް އާއި ރޫޔާ


ގައުމީ ދެ ރިކޯޑު މުގުރާލައި ހަތަރުވަނަ މައިލޯ ގައުމީ ގްރޯން ޕްރީގެ އެއްވަނަ އެތުލީޓުންގެ މަގާމު ހުސެއިން ފަޒީލް ހާރޫނާއި މަރިޔަމް ރޫޔާ އަލީ ހޯދައިފިއެވެ.

ހުޅުމާލޭ ޓްރެކުގައި ބޭއްވި މިއަހަރުގެ މުބާރާތުގެ ދެވަނަ ލިބުނީ މިދިޔަ އަހަރުގެ ގްރޯން ޕްރީގެ އެއްވަނަ ހޯދި ހަސަން ސާއިދު އާއި އުއްމީދީ ދުވުންތެރިޔ އާމިނަތު ޖާއިޝާ ޖުނީޒް އަށެވެ.

އެއްވަނަ އެތްލީޓުގެ މަޤާމު ފަޒީލް ހޯދީ 800، 1500، 3000 މީޓަރުން ހޯދި ރަން މެޑަލް އާއެކު، 1500 މީޓަރު ދުވުމުގެ މީޓް ރެކޯޑާއި 3000 މީޓަރު ދުވުމުން ގައުމީ ރެކޯޑް ހަދައިގެންނެވެ. ޤައުމީ ރެކޯޑު ހެދި 3000 މީޓަރު ރޭސް ފަޒީލް ނިންމާފައިވަނީ 9 މިނިޓް 02.57 ސިކުންތުންނެވެ. މީގެ ކުރިން ވެސް އޮތީ ފަޒީލް އަތުގައެވެ. އެއީ 9 މިނިޓް، 11.44 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ކުރީގެ އެއް ވަަނަ ދުވުންތެރިޔާ ނަސީރު އިސްމާއިލްގެ އިރުޝާދުގެ ދަށުން މުބާރާތުގައި ވާދަކުރި ފަޒީލް ވަނީ މި މުބާރާތުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އަދި ވާދަކުރި ހުރިހާ އިވެންޓަކުން ވެސް އޭނާ ވަނީ ތަފާތު ދައްކާފައެވެ.

"ޕީއެސްއެމް ސްޕޯޓްސް" އާ ވާހަކަދައްކަމުން ފަޒީލް ބުނީ މި މުބާރާތާއި ކުރިމަތިލީ ރަނގަޅު ކޮންފިޑެންސް އާއެކު ކަމަށާއި އުއްމީދުކުރި ގޮތާއި އެއްގޮތަށް މި މުބާރާތުން ރަނގަޅު ނަތީޖާއެއް ނެރެވުނީތީ ހިތްހަމަޖެހޭ ކަމަށެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި ހޯދި ކާމިޔާބީތަކަކީ ނަސީރު ކޯޗުގެ އެހީތެރިކަމާއެކު ލިބުނު ކާމިޔާބީތަކެއްގެ ގޮތުގައި ފަޒީލް ފާހަގަކުރި އެވެ.

މުބާރާތުން އެންމެ މޮޅު އަންހެން އެތްލީޓަކަށް ހޮވުނު ރޫޔާ ވަނީ ކުވޭތުގައި ކުރިއަށްދިޔަ އޭޝިއާގެ ޔޫތު މުބާރާތާއި ދާދި ފަހުން ގދ. ތިނަދޫގައި ބޭއްވި މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕްގައި ވާދަކޮށްފަ އެވެ. މިފަހަރު ރޫޔާ އަށް އެއްވަނަ ލިބުނީ އަންހެނުންގެ 100 މީޓަރު ދުވުމާއި ލޯންގް ޖަމްޕުން ރަން މެޑަލް ހޯދުމުގެ އިތުރުން، ލޯންގް ޖަމްޕް އިވެންޓުން ގައުމީ ރެކޯޑް މުގުރާލާފައިވާތީ އެވެ.

ރޫޔާ، ލޯންގް ޖަމްޕުން ގައުމީ ރެކޯޑް މުގުރާލީ، 5.19 މީޓަރު ދުރަށް ފުންމައިގެންނެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ، 2019 ވަނަ އަހަރު، 4.99 މީޓަރު ދުރަށް ފުންމައިގެން ރެކޯޑް ހެދި ނޫރާ އަބްދުލް ހަމީދު އަތުގަ އެވެ.

މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕްގެ އަންހެން އެއް ވަނަ އެތުލީޓުގެ މަޤާމުވެސް ހޯދި އަހުނާ ނިޒާރު ވަނީ މި މުބާރާތުގައި ސަތޭކަ މީޓަރު ދުވުމުން ރިހި މެޑަލް ހޯދާ، 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައެވެ. އަދި ލޯންގް ޖަމްޕުން ވަނީ ލޯ މެޑަލް ހޯދާފައެވެ.