އދ. މަހިބަދޫ ކައިންސިލުން އިންތިޒާމުކޮށްގެން ބާއްވާ މަހިބަދޫ ޒުވާނުންގެ 19 ވަނަ ފުޓްބޯޅަ މުބާރާތުގައި ވާދަވެރި ކުޅުމަކަށްފަހު އެކްސްޕްރެސް ބަލިކޮށް އެންޓީ ޔުނައިޓެޑުން ސެމީ ފައިނަލުގެ އުންމީދު ދަމަހައްޓައިފިއެވެ.
އެންޓީ އާއި އެކްޕްރެސް ވާދަކުރި މެޗު އެންޓީން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީވެސް އެންޓީންނެވެ. މިލަނޑު މެޗުގެ 16 ވަނަ މިނެޓުގައި އަހުމަދު ހަސަންއެވެ. ނަމަވެސް ލީޑުގައި އެންޓީއަށް މާގިނައިރު ހިފަހައްޓާލެވޭ ވަރެއް ނުވިއެވެ. އެގޮތުން މެޗުގެ 24 ވަނަ މިނެޓުގައި އެކްޕްރެސްގެ އަހުމަދު ޔާނިޝް ވަނީ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
މި ލަނޑަށްފަހު އެކްސްޕްރެސް އިން ވަނީ އިތުރު ހިތްވަރަކާއިއެކު ކުޅުން ވަރުގަދަ ކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އެކްސްޕްރެސްއަށް ހެދުނު ގޯހެއްގެ ފައިދާނަގައި އެންޓީން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މިލަނޑުވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު ހަސަނެވެ.
ދެވަނަ ހާފު ފެށިގެން އެކްސްޕްރެސްއިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެޓީމަށް މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ އޮއެވަރު ހޫނުވެ ޓީމުގެ ދެކުޅުންތެރިއަކަށް ރަތްކާޑު ދައްކައި ދަންޑުން ފޮނުވާލި ހިސާބުންނެވެ. އެކްސްޕްރެސްއަށް ދެކުޅުންތެރިން މަދުކޮށް ކުޅެން ޖެހުމުން އެކަމުގެ ފައިދާ ނަގައި އެންޓީން ލީޑު ފުޅާކުރީ މެޗުގެ 77 ވަނަ މިނެޓުގައި އަލީ އަޔާޒު ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި ނަތީޖާއާއެކު އެކްސްޕްރެސްއަށް ވަނީ މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ އުންމީދު ގެއްލިފައެވެ. އަނެއްކޮޅުން އެންޓީވަނީ ކުޅުނު ތިންމެޗުން 6 ޕޮއިންޓް ހޯދައި ތާވަލުގެ 3 ވަނައަށް ޖެހިލާފައެވެ.
މުބާރާތުގައި ދެން އޮންނާއި އެންމެފަހުގެ ޗެމްޕިއަން ޖިބިއްލީ އާއި އެންމެ ފަހުގެ ރަނަރަޕް ސްޕޯޓިން އަޒިއޯން ވާދަކުރާ މެޗެވެ. މި މެޗަށް ދެޓީމު ނިކުންނަށް ދެޓީމުވެސް އޮތީ މިހާތަނަށް ކުޅުނު ހުރިހާ މެޗެސް ކާމިޔާބުކޮށްގެން ތާވަލުގެ އެންމެ ކުރީގައެވެ. އެގޮތުން ދެ ޓީމަށްވެސް 9 ޕޮއިންޓް ލިބޭއިރު ޖިބިއްލީއަށް އެއްވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ. އެހެންކަމުން މި މެޗުން މޮޅުވާ ޓީމަކަށް ތާވާލުގެ އެއްވަނަ މަގާމާއިއެކު ފައިނަލުގެ ސީދާ ޖާގައިގެ އުންމީދު ބޮޑުވެގެންދާނެއެވެ.