މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "ލިޓަސް ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް 2022" ގެ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ޓީމު އިވެންޓުގެ ކުޅުން ފަށައިފިއެވެ.
މި ފަހަރުގެ މުބާރާތުގެ ޓީމު އިވެންޓުގައި ފަސް ކުލަބެއް ވާދަކުރެއެވެ. އެއީ މިދިޔަ އަހަރު ގެ ޓީމު އިވެންޓ ޗެމްޕިއަން ކުލަބު އީގަލްސް އާއި، ކަސްޓަމްސް ރެކްރިއޭޝަން ކުލަބާއި، އައިލޭންޑާސް ހޯޕް ސްޕޯޓްސް ކުލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ދިވެހި ސިފައިންގެ ކުލަބެވެ.
ހޮނިހިރު ދުވަހު ޓީމު އިވެންޓުގެ ކުޅުން ފެށުމުގެ ގޮތުން ހަވީރު ކުޅެވުނު ދެ މެޗުގައި ބައްދަލުކުރީ އީގަލްސް އާއި ކަސްޓަމްސްއެވެ. އެ މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ކަސްޓަމްސްއެވެ. ދެވަނަ މެޗުގައި ބައްދަލުކުރީ މާޒިޔާ އާއި އައިލެންޑާސް ހޯޕް ސްޕޯޓްސް ކުލަބެވެ. މި މެޗު ފަސޭހަކަމާއެކު މާޒިޔާއިން ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ.
މި މުބާރާތުގެ ރޭގަނޑު ދަންފަޅީގައި ސިފައިންނާ ދެކޮޅަށް ކުޅުނު މެޗު 3-2 ނަތީޖާއަކުން އީގަލްސްއިން ކާމިޔާބުކުރިއިރު، މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗު ކަސްޓަމްސްއިން ކާމިޔާބުކޮށްފައިވަނީ 3-2 ނަތީޖާއަކުންނެވެ.
ލީގު އުސޫލުން ކުޅެވޭ ޓީމު އިވެންޓުގައި ފުރަތަމަ ދުވަހުގެ ކުޅުން ނިމުނުއިރު ތާވަލުގެ އެއްވަނައިގަ އޮތީ ހަ ޕޮއިންޓާއެކު ކަސްޓަމްސްއެވެ. އަދި ދެވަނަގައި އޮތީ ތިން ޕޮއިންޓް އަދި ފައިދާ ހަތަރު ގޭމް އާއެކު މާޒިޔާއެވެ. ތިންވަނައިގައި ތިން ޕޮއިންޓާއެކު އީގަލްސް އޮތްއިރު، ހަތަރުވަނައިގައި އޮތީ ސިފައިންގެ ކުލަބެވެ. އަދި ފަސްވަނައިގައި އޮތީ އައިލެންޑާސް ހޯޕް ސްޕޯޓްސް ކްލަބެވެ.
މި މަހުގެ 18 ގެ ނިޔަލަށް ކުރިއަށްގެންދާ ގައުމީ ބިލިއާޑް މުބާރާތުގައި ހަ އިވެންޓެއް ކުރިއަށްދާއިރު، މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ މުޙައްމަދު ސާހިލް ހަމީދެވެ. އަދި ފިރިހެން ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން އިސްމާއީލް ޝިޔާމު ހޯދިއިރު، އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ އާއިޝަތު އަލީއެވެ. މުބާރާތުގެ ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހަސަން ޝާޒް މުޙައްމަދާއި އަޙްމަދު އިޔާދު ސައީދުގެ ޕެއާއިން ހޯދިއިރު، މިކްސް ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އަލީ ފަޔާޒް އާއި ދީނާ އަޙްމަދުގެ ޕެއާއިންނެވެ.