އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސް ބަލިކޮށް އާސެނަލުން ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
ވުލްވްސްގެ ދަނޑުގައި ކުޅުނު މިމެޗް އާސެނަލް ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލްއިންނެވެ. ނަމަވެސް މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. މިމެޗްގައި އާސެނަލްއިން ޖެހި ފުރަތަމަ ލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ޖަހާދިނީ ކެޕްޓަން މާޓިން އޮޑެގާރޑްއެވެ. އަދި މެޗްގެ 75 ވަނަ މިނެޓްގައި އާސެނަލްގެ ދެވަނަ ލަނޑު ޖަހާދިނީވެސް އޮޑެގާރޑްއެވެ.
މިކާމިޔާބީއާއެކު އާސެނަލްއަށް މިހާރު މިވަނީ 14 މެޗުން ލިބިފައިވާ 37 ޕޮއިންޓާއެކު ތާވަލްގައި ފަސް ޕޮއިންޓްގެ ލީޑެއް ލިބިގެން ގޮސްފައެވެ. މީގެ އެންމެ ބޮޑު އެއްސަބަބަކަށް ވެފައިވަނީ ދެވަނައިގާ އޮތް މެންޗެސްޓަރ ސިޓީ ރޭ ބްރެންޑްފަޑް އަތުން ބަލިވުމެވެ. މިނާކާމިޔާބީއާއެކު ވުލްވްސް އުޅެނީ 10 ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ.