ކުޅިވަރު

ވޯލްޑް ކަޕުގެ ކުރިން ކުޅުނު ފަހު މެޗުން ސިޓީ ބަލިވެއްޖެ


އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ފީފާ ވޯލްޑް ކަޕަށް މެދުކަނޑާލުމުގެ ކުރިން ކުޅުނު ފަހު މެޗުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ސިޓީ ބަލިވީ ބްރެންޓްފަޑް އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. ނަމަވެސް މިމެޗްގައި ބްރެންޓްފަޑްއިން ވަނީ ހިތްވަރާއެކު ވަރުގަދަ ކުޅުމެއް ދައްކާ ލިބޭ ފުރުސަތު ތަކުގައި ސިޓީ ހާސްކޮށްފައެވެ. އަދި މިމެޗްގެ ފެށުން ރަނގަޅުވީވެސް ބްރެންޓްފަޑްގެއެވެ. މިގޮތުން މެޗްގެ ފުރަތަމަ ލަނޑުގެ ކުރިން ބްރެންޓްފަޑްއިން ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެހަމަލާއެއް އުފައްދާފައެވެ.

އަދި މެޗްގެ 16 ވަނަ މިނެޓްގައި ބްރެންޓްފަޑްއިން މިމެޗްގެ ލީޑުވެސް ނެގިއެވެ. މިލަނޑު އެޓީމަށް ޖަހާދިނީ އިވާން ޓޯނީއެވެ. މިލަނޑާއެކު ބްރެންޓްފަޑްއިން ހުރިހާ ކުޅުންތެރިން ފަހަތަށް ފައިބައިގެން ޑިފެންޑް ކުރިއިރު ސިޓީއިން ދިޔައީ ބްރެންޓްފަޑްގެ ޑިފެންސް ފޫއަޅުވާލެވޭތޯ މަސައްކަތް ކުރަމުންނެވެ. މިމެޗްގައި ސިޓީއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޖަހާދިނީ ފިލް ފޯޑަންއެވެ.

މިލަނޑާއެކު ސިޓީގެ ކުޅުން ރަނގަޅުވި ނަމަވެސް އެޓީމަށް ބްރެންޓްފަޑްގެ ޑިފެންސް އިތުރަށް ފޫއަޅުވާލެވޭގޮތެއްނުވިއެވެ. މިމެޗުން ބްރެންޓްފަޑް މޮޅުވި ލަނޑު މެޗްގެ 98 ވަނަ މިނެޓްގައި އުފެއްދި ކައުންޓަރ އެޓޭކެއްގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހާދިން ޓޯނީއެވެ. އަދި މެޗް ނިމުމުގެ ކުރިން އޭނާއަށް ހެޓްރިކް ހަދާނެ ރަނގަޅު ފުރުސަތެއްވެސް ލިބި ބޭކާރުވެގެންދިޔައެވެ. މިމެޗްގައި ސިޓީގެ ކުޅުންތެރިންގެ ފަރާތުން އާންމުކޮށް ފެންނަ މޮޅު ކުޅުން ފެނިގެން ނުދިޔައީ ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި ވާރލްޑް ކަޕް ފެށެން ހަފްތާއަކަށް ގާތްވެފައިވަނިކޮށް ބްރެންޓްފަޑް ފަދަ ފިޒިކަލް ގޭމެއް ކުޅޭ ޓީމަކާއި ދެކޮޅަށް ކުޅެ އަނިޔާވާން ގިނަ ކުޅުންތެރިން ބޭނުން ނުވާތީއެވެ.

މިނަތީޖާއެކު ސިޓީއިން ވާރލްޑް ކަޕަށް ޕްރިމިއަރ ލީގުގެ ކުޅުން މެދުކަނޑާލީ 32 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގާ އުވެގެންނެވެ. އަދި މިކާމިޔާބީއާއެކު ބްރެންޓްފަޑް މިވަނީ 19 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައަށް ކުރިއަށް ޖެހިލާފައެވެ.