އިޓާލިއަން ލީގުގައި އުދިނޭޒީއާ ދެކޮޅަށް ކުޅުނު މެޗު ތާވަލުގެ އެއްވަނައިގައި އޮތް ނާޕޮލީން ކާމިޔާބުކޮށްފިއެވެ.
ނަޕޯލީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނަޕޯލީއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 15 ވަނަ މިނެޓްގައި ޖަހާ ލީޑު ނަގާފައިވަނީވެސް ނަޕޯލީއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވިކްޓަރ އޮސިމްހޭންއެވެ. އަދި މެޗްގެ 31 ވަނަ މިނެޓގައި ޕިއޮޓްރޭ ޒިއެލިންސްކީ ވަނީ ނަޕޯލީގެ ލީޑު ފުޅާކޮށްދީފައެވެ. މިމެޗްގައި ނަޕޯލީގެ ފަހު ލަނޑު މެޗްގެ 58 ވަނަ މިނެޓްގައި ޖަހާދިނީ އެލްޔިފް އެލްމާސްއެވެ. މިމެޗްގައި އެދިނޭސޭއިން ޖެހި ފުރަތަމަ ލަނޑު މެޗްގެ 79 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ލިޔާ ނެސްޓޮރޮވްސްކީއެވެ. އަދި ލަޒާރ ސަމަރޑްޒިޗްވަނީ މެޗްގެ 82 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ދެޓީމްގެ ދެމެދުގައިވާ ތަފާތު އެއްލަނޑަށް ބަދަލުކޮށްފައެވެ. މިމެޗްގައި އުދިނޭސޭއިން އިތުރު ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް ނަޕޯލީއިން ވަނީ މިނަތީޖާ އޮވެގެން މެޗް ނިންމާލާ ޖެހިޖެހިގެން 11 ވަނަ މެޗް ލީގުގައި ކާމިޔާބުކޮށްފައެވެ.
މިކާމިޔާބީއާއެކު ނަޕޯލީއިން މިވަނީ ވާރލްޑް ކަޕަށް އިޓާލިއަން ސެރީއާގެ ކުޅުން މެދުކަނޑާލާއިރު 15 މެޗުން ލިބިފައިވާ 41 ޕޮއިންޓާއެކު ތާވަލްގައި 11 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ދެވަނައިގާ އުޅޭ ލާޒިއޯ އާއި ތިންވަނައިގާ ލަނޑުގެ ތަފާތުން އުޅޭ އެންމެފަހުގެ ޗެމްޕިއަން އޭސީ މިލާން މިރޭ ކުޅޭ މެޗުން މޮޅުވެއްޖެނަމަ މިފަރަގު ކުޑަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިމެޗުން ބަލިވުމުން އުދިނޭސޭ އުޅެނީ 24 ޕޮއިންޓާއެކު ތާވަލްގެ 8 ވަނައިގައެވެ.