ކުޅިވަރު

ރާއްޖޭގެ ސާފިން ޓީމުގެ ހެޑް ކޯޗަކަށް ދެކުނު އެފްރިކާގެ ކްލައިޑް މާޓިން


ރާއްޖޭގައި ސާފިން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގައުމީ ސާފިން ޓީމުގެ ހެޑް ކޯޗަކަށް ދެކުނު އެފްރިކާގެ ކްލައިޑް މާޓިން ހަމަޖައްސައިފިއެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ސާފިން ޓީމަށް ބިދޭސީ ކޯޗަކު ހަމަޖެއްސި ފުރަތަމަ ފަހަރެވެ. އޭނާ ވަނީ މ. މުލީގައި މިއަހަރު ބޭއްވި ސާފިން ލީގުގެ ދެވަނަ މުބާރާތުގައި ޗީފް ޖަޖެއްގެ ގޮތުގައި މަސައްކަތްކުރުމުގެ އިތުރުން އޭގެ ފަހުން ބޭއްވި ސާފިންގެ ބޮޑެތި މުބާރާތްތަކުގައި މަސައްކަތްކޮށްފައެވެ.

ކްލައިޑް މާޓިން ވަނީ 1994 ވަނަ އަހަރު ޔޫރަޕިއަން ޕްރޮފެޝަނަލް ސާފިން އެސޯސިއޭޝަނުގެ ޖަޖުކަންވެސް ކޮށްފައެވެ. އަދި ވޯލްޑް ޕްރޮފެޝަނަލް ސާފަރސް ގެ ޗީފް އޮޕަރޭޓިން އޮފިސަރުކަމުގެ މަޤާމު 2005 އިން 2012 އަށް އަދާކޮށްފައެވެ.

އޭނާ އެ މަޤާމާއި ރަސްމީކޮށް ހަވާލުކުރިކަން ހާމަކޮށްފައިވަނީ ކުޅިވަރާ ބެހޭ ވުޒާރާ އާއި ސާފިންގ އެސޯސިއޭޝަން ގުޅިގެން ރާއްޖޭގެ 15 ރަށެއްގެ ޒުވާނުންނަށް ބޭނުންވާ ސާރފް ބޯޑު ހަވާލުކުރުމަށް ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވީ މިއީ ކުޅިވަރުތަކުގެ މެދުގައި ތަފާތުތައް ނައްތާލުމަށް ކުރާ މަސައްކަތުގެ ތެރެއިން މުހިއްމު ދުވަހެއް ކަމަށާއި މިކަމުގެ ސަަބަބުން ވަކި ކުޅިވަރަކަށް ބަރޯސާނުވެ އެހެން އެސޯސިއޭޝަންތައްވެސް ކުރިއަރުވަން މި ސަރުކާރުން ކުރާ މަސައްކަތަށް އިތުބާރު ލިބިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ސަރފް ބޯޑު ހަވާލުކުރެވުނު ރަަށްތަކަކީ، ގދ.ވާދޫ، މ.މުލި، ލ.މާބައިދޫ, ނ.ކުޑަފަރި، މ.މުލަކު، ރ.ކިނޮޅަސް، ގދ.ގައްދޫ، ނ.ޅޮހީ، ކ.ހިންމަފުށި، ކ.ގުރައިދޫ، ރ.ރަސްމާދޫ، ކ.ތުލުސްދޫ، ފުވައްމުލަކު ސިޓީ، ދ.ކުޑަހުވަދޫ އަދި ށ.ކަނޑިތީމެވެ.