ކުޅިވަރު

ވޯލްޑް ކަޕަށް މެދުކަނޑާލާއިރު ބަޔާނަށް ތާވަލުގެ އެއްވަނަ


ޖަރުމަން ލީގުގެ ކުޅުން ފީފާ ވޯލްޑް ކަޕަށް މެދުކަނޑާލާއިރު ތާވަލުގެ އެއްވަނަ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ކަށަވަރުކޮށްފިއެވެ.

ބަޔޭންއިން ވަނީ އެޓީމް ކުޅުނު ފަހު މެޗްގައި ޝާލްކާ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ޝާލްކާގެ ދަނޑުގައި ކުޅުނު މިމެޗްގައި ދެޓީމްގެ ފަރާތުން ވާދަވެރިކުޅުމެއް ފެނިގެންދިޔައިރު ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔޭންއިންނެވެ. މިމެޗްގައި ބަޔޭންގެ ފުރަތަމަ ލަނޑު މެޗްގެ 38 ވަނަ މިނެޓްގައި ޖަހާދިނީ ސަރޖީ ގްނެބްރީއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 52 ވަނަ މިނެޓްގައި ޖަހާދިނީ އެރިކް މެކްސިމް ޗޯޕޯ ޕޯޓިންގއެވެ. މިއީ އޭނާ މިސީޒަންގައި ކުޅުނު ނުވަ މެޗްގައި ކާމިޔާބުކުރި 10 ވަނަ ލަނޑެވެ. އަދި މިއީ މިފަހަރު ލީގުގައި ކާމިޔާބުކުރި ހަވަނަ ލަނޑެވެ. މިމެޗްގައި ބަޔޭންއިން ޖެހި ދެލަނޑު ޖެހުމުގައިވެސް އެހީތެރިވެދީފައިވަނީ ޒުވާން ފީވަޑް ޖަމާލް މުސިއަލާއެވެ.

މިކާމިޔާބީއާއެކު ބަޔޭން މިހާރު މިވަނީ އެޓީމް އެންމެފަހުން ކުޅުން ހަމެޗްވެސް ކާމިޔާބުކޮށްފައެވެ. އަދި މިއާއެކު އެޓީމް މިވަނީ 15 މެޗުން ލިބިފައިވާ 34 ޕޮއިންޓާއެކު ތާވަލްގައި ހަ ޕޮއިންޓްގެ ލީޑެއްވެސް ނަގާފައެވެ. ދެވަނައިގާ އުޅޭ އާރްބީ ލިޕްޒިގް ވަނީ ވާޑާ ބްރެމަން ބަލިކޮށް 15 މެޗުން 28 ޕޮއިންޓް ހަމަކޮށްފައެވެ. ނަމަވެސް ތިންވަނައިގާ މިވަގުތު އޮތް ޔޫނިއަން ބަރލިން ނުވަތަ ފްރެއިބަރގް މިރޭ ކުޅޭ މެޗުން މޮލުވެއްޖެނަމަ ބަޔޭންއަށް ލިބިފައިވާ ހަ ޕޮއިންޓްގެ ލީޑު ހަތަރު ޕޮއިންޓަށް ކުޑަވެގެންދާނެއެވެ. ރޭގެ މެޗުން ބަލިވުމުން ޝާލްކަރ އުޅެނީ 9 ޕޮއިންޓާއެކު 18 ޓީމް ހިމެނޭ ލީގުގެ އެންމެ ފުލުގައެވެ.