ދުނިޔޭގެ ވިޔަފާރި

ދުނިޔޭގެ ދަރަނީގެ ނިސްބަތް އިންތިހާއަށް މައްޗަށް


މަދުން އާމްދަނީ ލިބޭ ގައުމުތަކާއި މެދުމިންވަރަކަށް އާމްދަނީ ލިބޭ ގައުމުތަކުގެ ދަރަނީގެ މިންވަރު 2021 ވަނަ އަހަރު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ކަމަށް ވޯލްޑް ބޭންކުގެ ވެރިޔާ ޑޭވިޑް މަލްޕާސް ވިދާޅުވެއްޖެއެވެ.

މީގެތެރެއިން %66 ހިއްސާ ކުރަނީ ޗައިނާ އިން ކަމަށްވެސް ވޯލްޑް ބޭންކުން ބުންޏެވެ. އަދި ފަގީރު ގައުމުތަކުގެ ދަރަނި މަދުކުރުމުގެ މުހިންމު ކަންވެސް މަލްޕާސް ފާހަގަކުރެއްވިއެވެ.

ދަރަނި ކުޑަކުރުމުގައި ޕްރައިވެޓް ސެކްޓަރުގެ ކްރެޑިޓަރުންވެސް ބައިވެރިވާން ޖެހޭނެކަން ދުނިޔޭގެ ދަރަނީގެ ތަފާސްހިސާބުތަކާއި ބެހޭ ގޮތުން ވޯލްޑް ބޭންކުން އަންނަ މަހު ނެރެން ހަމަޖެހިފައިވާ އަހަރީ ރިޕޯޓުން ސާފުކޮށް އެނގޭނެކަމަށް ރޮއިޓާސް ނޫހަށް ދިން އިންޓަވިއުއެއްގައި މަލްޕާސް ވިދާޅުވެފައިވެއެވެ.

ވޯލްޑް ބޭންކުން ޖޫން މަހު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މަދުން އާމްދަނީ ލިބޭ ގައުމުތަކާއި މެދު މިންވަރަކަށް އާމްދަނީ ލިބޭ ގައުމުތަކުގެ ބޭރުގެ ދަރަނީގެ ސްޓޮކް އެވްރެޖްކޮށް %6.9 އަށް އިތުރުވެ 9.3 ޓްރިލިއަން ޑޮލަރަށް 2021 ވަނަ އަހަރު ވަނީ އަރާފައެވެ. އަދި މި އަދަދު 2020 ވަނަ އަހަރު ހުރީ %5.3 ގައި ކަމަށްވެސް ހިސާބުތަކުން ދައްކައެވެ.

މަލްޕާސް ވިދާޅުވި ގޮތުގައި ގައުމުތަކުގެ ދަރަނި ކުޑަކުރުމުގެ މައުޟޫއަކީ ކުރިއަށް އޮތް ޖީ20 ލީޑަރުންގެ ބައްދަލުވުމުގައި ދައްކާނެ ބޮޑު މައުޟޫއެކެވެ.

ތަރައްގީވަމުން އަންނަ ގައުމުތަކުގެ %25 ވަނީ ދަރަނީގެ ދަތިކަމުގެ ތެރޭގައިކަމަށާއި މަދުން އާމްދަނީ ލިބޭ ގައުމުތަކާއި މެދުމިންވަރަކަށް އާމްދަނީ ލިބޭ ގައުމުތަކުގެ %60 ވަނީ ދަރަނީގެ ދަތިކަމުގެ ތެރޭގައިކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ އޮފިޝަލުން ބުނެއެވެ.

ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ގައުމުތަކުގެ އިގްތިޞާދަށް ގެއްލުން ވެފައިވާއިރު، ދަރަނި ލުއިކޮށްދިނުމުގެ ގޮތުން ބޮޑެތި އިގްތިސާދުތައް އޮންނަ މައިގަނޑު 20 ގައުމަކާއި ކްރެޑިޓަރުންގެ ޕެރިސް ކްލަބް އޮފިޝަލުން އޮނިގަނޑެއްގެ މަސައްކަތް 2020 ވަނަ އަހަރުގެ ފަހުކޮޅު ވަނީ ކޮށްފައެވެ. ނަމަވެސް މި އޮނިގަނޑަށް އަމަލުކުރުން ވަނީ މަޑުޖައްސާލާފައެވެ.

މި އޮނިގަނޑުގެ ދަށުން މަޝްވަރާކުރި ފުރަތަމަ އެއްބަސްވުމުގައި އެފްރިކާގެ ޗާޑްގެ ކްރެޑިޓަރުން އެއްބަސްވެފައި އޮތް ނަމަވެސް ދަރަނި ކުޑަކުރާނީ ކިހާ މިންވަރަކަށްކަމެއް އެ އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވާކަމަށް މަލްޕާސް ވިދާޅުވިއެވެ. ޗާޑްގެ އިތުރުން ޒެމްބިއާއަށް ވެސް ވަރަށް އަވަހަށް ދަރަނި ކުޑަ ކުރުމުގެ މަސައްކަތް ފަށަން ޖެހޭ ކަމަށް މަޕްލާސް ވިދާޅުވިއެވެ.