އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާގެ 38 އިންސައްތަ މިހާރުވެސް ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުންނެވެ. ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. މިނިސްޓަރ ވިދާޅުވީ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ފައިސާގެތެރެއިން، ލޯންގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. އެއީ މިހާރު ސޮއިކޮށްފައިހުރި އެއްބަސްވުންތަކުގެ ތެރެއިން އެވޯޑުކޮށް ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ ޑިސްބަރސްމަންޓުތައް ކަމަށެވެ.
"މިސާލަކަށް ލައިން އޮފް ކްރެޑިޓު ފެސިލިޓީގެ، ބުރިޖާއި ވޯޓާ އެންޑު ސެނިޓޭޝަން، 34 ރަށެއްގައި ކުރިއަށް މިދާ ޕްރޮޖެކްޓްސްތަކާއި، އެހެނިހެން އެއްބަސްވުންތަކުގެ ދަށުން، ހޮސްޕިޓާތަކާއި، މިކަންތައްތައް، މިއީ 4.1 ބިލިއަން ރުފިޔާ، މިހާރު ޕަބްލިކް ސެކްޓަރ އިންވެސްޓުމަންޓު ޕްރޮޖެކްޓްސްތަކުގެ 38 އިންސައްތަ ފައިސޭންސިންގ ހަމަޖެހިފައިވަނީ،" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރވަނީ ރަށްރަށުގައި ކުރިއަށްދާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް މެދު ކެނޑުމެއް ނެތި ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މި ސަރުކާރުގެ ދަރަނީގެ މިންވަރު ގިނަ ކަމަށް ބުނެ މެމްބަރުން އަމާޒުކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވަނީ ކުރީ ސަރުކާރުތަކުން ދަރަނި ނަގާފައިވާ އަދަދުތަކުގެ ތަފްސީލްދެއްވާފައެެވެ.
"މައުމޫންގެ ސަރުކާރުގައި 5.8 ބިލިއަން ރުފިޔާ، ރައީސް ނަޝީދުގެ ސަރުކާރުގައި 11 ބިލިއަން ރުފިޔާ ރައީސް ވަހީދުގެ ސަރުކާރުގައި 6 ބިލިއަން ރުފިޔާ، ރައީސް ޔާމީންގެ ސަރުކާރުގައި 39 ބިލިއަން ރުފިޔާ، އަޅުގަނޑުމެން މި ސަރުކާރުގައި ގާތްގަނޑަކަށް 37 ބިލިއަން ރުފިޔާ، މިހާރު 38 ނޫނީ 39 ބިލިއަނާއި ގާތްކުރާނެ، މިއީ ކޯވިޑާއި އެކު ހުރި އަދަދުތައް" މިނިސްޓަރ ވިދާޅުވިއެވެ.
2023 ވަނަ އަހަރަށް ދަޢުލަތުން ލަފާކުރާ ބަޖެޓުގައި ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ގޮތުގައި އަލަށް 204 މަޝްރޫއެއް ފެށުމަށް ބޭނުންވާ ފައިސާ ވަނީ ހިމަނާފައެވެ. 2023 ވަނަ އަހަރަށް ހުށަހަޅާ ބަޖެޓަށް ބަލާއިރު، ޕަބްލިކް ސެންޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީ.އެސް.އައި.ޕީއަށް ޖުމްލަ 8.4 ބިލިއަން ރުފިޔާ ބަޖެޓްކޮށްފައިވެއެވެ. ޕީ.އެސް.އައި.ޕީ ބަޖެޓް ބެހިފައިވާގޮތަށް ބަލާއިރު ދަޢުލަތުގެ ޑޮމެސްޓިކް ބަޖެޓުން 3.1 ބިލިއަން ރުފިޔާ، ބޭރުގެ ފަރާތްތަކުން ނަގާ ލޯނުން 4.1 ބިލިއަން ރުފިޔާ، ބޭރުގެ ހިލޭ އެހީން 713 މިލިއަން ރުފިޔާ އަދި މޯލްޑިވްސް ގްރީން ފަންޑުން 439.5 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހިމަނާފައިވެއެވެ.