ކުޅިވަރު

ޕާކިސްތާން ބަލިކޮށް އިންގްލަންޑުން ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކޮށްފި


ޕާކިސްތާން ބަލިކޮށް އިންގްލަންޑުން އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

އޮސްޓްރޭލިއާގައި ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލުގައި ޕާކިސްތާނުގެ މައްޗަށް އިންގްލަންޑް ކުރިހޯދީ ފަސް ވިކެޓުންނެވެ.

މި މެޗުގެ ޓޮސް ދިމާވުމުން އިންގްލަނޑުން ނިންމީ ހޮވުމަށެވެ. އެއާއެކު ޕާކިސްތާން އެންމެ ފުރަތަމަ ކުޅެންއަރާ 20 އޯވަރު ހަމަވިއިރު، އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 137 ލަނޑެވެ. ޕާކިސްތާނުން އެންމެ ރަނގަޅަށް ކުޅުނީ 28 ބޯޅައިން 38 ލަނޑު ހެދި ޝާން މައްސޫދުއެވެ. މި އިނިންގްސްގައި އިންގްލަންޑުގެ ސޭމް ކުރަން ވަނީ ތިން ވިކެޓު ނަގައިފައެވެ. އަދި އިންގްލަންޑުގެ އާދިލް ރާޝިދު އާއި ކްރިސް ޖޯޑަން ވަނީ ދެ ވިކެޓު ނަގައިފައެވެ.

ޖަވާބުގައި އިންގްލަންޑް ކުޅެންއަރައި 19 އޯވަރުގެ ތެރޭގައި ވަނީ ފަސް ކުޅުންތެރިން ނުބައިވެގެން ވަނީ 138 ލަނޑު ހަމަކޮށް މެޗުން މޮޅުވެފައެވެ. އިންގްލަންޑު ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ބެން ސްޓޯކްސްއެވެ. އެގޮތުން އޭނާ ވަނީ ނުބައިނުވެ، 49 ބޯޅައިން 52 ލަނޑު ހަދާފައެވެ.

މި ކާމިޔާބީއާ އެކު އިންގްލެންޑުން ވަނީ ވެސްޓް އިންޑީސްގެ ރެކޯޑާ ހަމަކޮށްފައެވެ. ޓީ20 ވޯލްޑް ކަޕް 2007 ވަނަ އަހަރު ފެށި ފަހުން މި މުބާރާތް ދެ ފަހަރު ކާމިޔާބުކުރުމުގެ ރެކޯޑް މިހާރު އޮތީ ވެސްޓް އިންޑީސް އާއި އިންގްލެންޑް އަތުގައެވެ. އަދި މިއީ 2010 ވަނަ އަހަރަށްފަހު އިންގްލަންޑަށް މި މުބާރާތް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.