އިނގިރޭސިވިލާތަށް މިހާރު ދިމާވެފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަނެ، ޕަބްލިކް ފައިނޭންސިންގް ހަރުދަނާ ކުރުމަށް ޓެކްސް ބޮޑު ކުރަންޖެހޭ ކަމަށް އެ ގައުމުގެ މާލީ ވަޒީރު ޖެރެމީ ހަންޓް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ޓެކްސް ބޮޑުކުރުމާއި ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތައް މިހަފްތާ ތެރޭގައި އިއުލާނު ކުރާނެ ކަމށްވެސް ހަންޓް ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގެ އާ ބޮޑު ވަޒީރު ރިޝީ ސުނާކްގެ ވެރިކަމުގައި ނެރުއްވާ ފުރަތަމަ ބަޖެޓް ޕްލޭންގައި އިންވެސްޓަރުންގެ މެދުގައި އޮންނަ އިތުބާރު ދެމެހެއްޓުމަށް ޚާއްސަ އަހަންމިއްޔަތުކަމެއް ވަނީ ދީފައެވެ. އެގޮތުން ކުރީގެ ބޮޑުވަޒީރު ލިޒް ޓްރަސްގެ ބޮޑުވަޒީރުކަމުގައި ހެއްދެވި ގޯސްތައް ރަނގަޅުކުރަން ބަޖެޓުގައި އަމާޒު ހިފާފައިވާކަމަށް އެ ޤައުމުގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.
އަންނަ ބުރާސްފަތި ދުވަހު އިއުލާނު ކުރުމަށް ހަމަޖެހިފައިވާ ބަޖެޓް ޕްލޭން އިއުލާން ކުރުމުގެ ކުރިން ވާހަކަ ދައްކަވަމުން ހަންޓް ވިދާޅުވީ ރިސެޝަން ބޮޑުކުރަން ބޭނުން ނުވާ ކަމަށާއި ނަމަވެސް ކޯވިޑުގެ ބަލިމަޑުކަމާއި ރަޝިއާ ޔުކްރެއިން ހަގުރާމައަށްފަހު ވަރަށް ބޮޑަށް އުފުލިފައިވާ ބަޖެޓް ޑެފިސިޓް ދަށްކުރެވެންޖެހޭ ކަމަށެވެ.
މިއީ އިނގިރޭސިވިލާތުން މުހިންމު ނިންމުންތަކެއް ނިންމަންޖެހިފައިވާ ދަޑިވަޅެއްގެ ގޮތުގައި ހަންޓް ސިފަކުރެއްވިއެވެ. އެގޮތުން ޤައުމަށް އެންމެ ފައިދާ ހުރި ނިންމުމެއްގެ ގޮތުގައި ޓެކްސް ބޮޑު ކުރުން މި ދަނޑިވަޅުގައި ހިމެނޭކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ޕަބްލިކް ފައިނޭންސިންގ ހަރުދަނާ ކުރުމަށްޓަކައި ޓެކްސް ބޮޑުކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
ޓެކްސް ބޮޑު ކުރަން ނިންމުމުން ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ ތެރޭގައި އަނެއްކާވެސް ހަލަބޮލިކަން އުފެދިދާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.