ޚަބަރު

ކަނޑުއޮތްގިރި ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ


ކ. ކަނޑުއޮތްގިރި ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ޑިޒައިން އެންޑް ބިލްޑް އުޞޫލުން މި މަސައްކަތްކުރުމަށް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއެވެ.

ކަނޑުއޮތްގިރި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީން ސޮއިކޮށްފައިވަނީ 18 މެއި 2022 ގައެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކާ، މަސައްކަތަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސް، މިމަހުގެ 13 ވަނަ ދުވަހު ވަނީ ސައިޓް މޮބިލައިޒްކޮށްފައެވެ.


މި މަޝްރޫޢުގެ ދަށުން، 10،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 10،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 125 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 265 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން ހިމެނެއެވެ. އަދި 63 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މީގެ އިތުރުން ލޮނުފެނާއި، ރީތިފެން ލިބޭނެ ފެންލައިންތައް އެޅުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައެވެ. މިއީ ދަޢުލަތުގެ ބަޖެޓުން 36.13 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

އެމް.ޓީ.ސީ.ސީން މީގެކުރިން ވިދާޅުވެފައިވާގޮތުން މި ބަނދަރު ތަރައްޤީކޮށް ނިމުމާއެކު މިފްކޯގެ އިތުރުން މަސްވެރިންގެ އޮޑިދޯނިފަހަރުތަކަށްވެސް މި ބަނދަރު ބޭނުންކުރުމުގައި ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށެވެ. އަދި މި މަޝްރޫޢާއެކު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ހެޔޮ ބަދަލެއް އަންނާނެކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

ކ.ކަނޑުއޮތްގިރިއަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ބެލުމުގެ ދަށުގައި އޮންނަ ރަށެކެވެ. މިރަށަކީ އެކުންފުނިން ބާޒާރަށް ނެރޭ އެކި އުފެއްދުންތައް ތައްޔާރު ކުރުމަށް ބޭނުންކުރާ ރަށެކެވެ. އެގޮތުން ކަނޑުއޮތްގިރީގައި މިހާރު ޤާއިމްކުރެވިފައިވާ ފެސިލިޓީއަކީ ބޮޑު ކަންނެލި ޕްރޮސެސްކުރެވޭ ފެންވަރަށް ތަރައްޤީކުރެވިފައިވާ ފެސިލިޓީއެކެވެ.

އެހެންނަމަވެސް އެރަށުގެ ބަނދަރު ތިލަވެ އެއްގަމު ތޮށި ހަލާކުވެފައިވުމުގެ ސަބަބުން އޮޑިދޯނިފަހަރަށް ރަށުގެ ބަނދަރު ބޭނުންކުރުމާއި، ފެސިލިޓީގެ ފުރިހަމަ ބޭނުން ހިފުމަށް ވަނީ ދަތިވެފައެވެ.