އދ. މަހިބަދޫ ކައިންސިލުން އިންތިޒާމުކޮށްގެން ބާއްވާ މަހިބަދޫ ޒުވާނުންގެ 19 ވަނަ ފުޓްބޯޅަ މުބާރާތުގައި ސްޕޯޓިން އަޒިއޯން ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ޖިބިއްލީ ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.
މުބާރާތުގައި އެންމެ ވާދަވެރި ޖިބިއްލީއާއި، އެންމެ ފަހުގެ ރަނަރަޕް ސްޕޯޓިން އަޒިއޯން ވާދަކުރި މެޗުގެ ޖިބިއްލީން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މިމެޗައް ނިކުތްއިރު މިދެޓީމުވެސް އޮތީ ތާވަލުގެ ކުރީގައި ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށެވެ. ނަމަވެސް ޖިބިއްލީ ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ. އެހެންކަމުން ތާވަލުގެ އެއްވަނާގައި ހަމަޖެލުމަށް ދެ ޓީމަށްވެސް މި މެޗުން މުހިންމެވެ.
މެޗު ފެށިގެން އަޒިއޯންގެ ފަރާތުން ފެނުނީ ވަރަށް ލަސް ކުޅުމެކެވެ. އެއާއި ޚިލާފަށް ޖިބިއްލީން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މެޗު އެއްކޮށް ކަހަލަ ގޮތަކަށް ޑޮމިނޭޓް ކުރަން މަސައްކަތް ކޮށްފައެވެ. އެގޮތުން މެޗުގެ 10 ވަނަ މިނެޓުގައި ޖިބިއްލީގެ އަހުމަދު ރިޒުވާން ވަނީ އެޓީމަށް ފުރަތަމަ ލަނޑު ޖަހައިދީ ލީޑު ނަގާފައެވެ. މިލަނޑަށްފަހު މާ ލަސްތަކެއްނުވެ އޭނާވަނީ ދެވަނަ ލަނޑެއްވެސް ޖަހާފައެވެ. ނަމަވެސް ރެފްރީ ވަނީ އެލަންޑު އޮފްސައިޑް ކަމަށް ނިންމާފައެވެ.
ޖިބިއްލީއަށް މެޗުގެ ލީޑު ފުޅާކޮށްދިނީ 37 ވަނަ މިނެޓުގައި އަސަދުﷲ އަބްދުﷲ އެވެ. މިއާއިއެކު މެޗުގެ ފުރަތަމަ ހާފު ނިންމާލީ 2-0 ގެ ނަތީޖާއަކުން ޖިބިއްލީ ކުރީގައި އޮވެގެންނެވެ. މިހާފުގައި އަޒިއޯންއަށް ޖިބިއްލީގެ ގޯލާ އަމާޒުކޮށް ފޮނުވާލެވޭ ވަރުވީ އެންމެ 2 ހަމަލާއެވެ.
ދެވަނަ ހާފުވެސް ޖިބިއްލީން ފެށީ ކުޅުން ވަރުގަދަކޮށެވެ. އެގޮތުން އެޓީމަށް ލީޑު އިތުރަށް ފުޅާކޮށްދިނީ 52 ވަނަ މިނެޓުގައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިބްރާޙިމް އައިސަމް އެވެ. މި މެޗުގައި އަޒިއޯންއަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑުގެ މެޗުގެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ހަމްޒާ މުހައްމަދެވެ.
މިއީ އޭރިޔާގެ ތެރެއިން އަޒިއޯންގެ އަބްދުލް ބާސިތުއަށް ޖިބިއްލީގެ ޑިފެންޑަރ ގާސިމް ސަމާމު ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދެއްވި ޕެނަލްޓީއެކެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ޖިބިއްލީން ވަނީ ޖުމްލަ 12 ޕޮއިންޓް ހޯދައި ފައިނަލާއި ފިޔަވަޅެއް ގާތައް ޖެހިލާފައެވެ. އަޒިއޯން އޮތީ 9 ޕޮއީންޓާއިއެކު ތާވަލުގެ ދެވަނާގައެވެ.