މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "ލިޓަސް ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް 2022" ގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ތާވަލުގެ ކުރިއަށް އެންމެ ފަހުގެ ޗެމްޕިއަން ކުލަބު އީގަލްސް ޖެހިލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ޓީމު އިވެންޓުގައި މި ފަހަރު ފަސް ކުލަބެއް ވާދަކުރެއެވެ. އެއީ މިދިޔަ އަހަރުގެ ޗެމްޕިއަން އީގަލްސް އާއި، ކަސްޓަމްސް ރެކްރިއޭޝަން ކުލަބާއި، އައިލޭންޑާސް ހޯޕް ސްޕޯޓްސް ކުލަބާއި، މާޒިޔާ އަދި ދިވެހި ސިފައިންގެ ކުލަބެވެ.
މުބާރާތުގައި އާދީއްތަ ދުވަހު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ސިފައިންގެ ކުލަބާއި އައިލެންޑާސް ހޯޕް ސްޕޯޓްސް ކުލަބެވެ. މި މެޗު ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސިފައިންގެ ކުލަބެވެ. އަދި ދެވަނަ މެޗުގައި އީގަލްސް އާއި މާޒިޔާ ބައްދަލުކުރިއިރު، މި މެޗު އީގަލްސްއިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.
ލީގު އުސޫލުން ކުޅެވޭ ޓީމު އިވެންޓުގެ ދެވަނަ ދުވަހުގެ ކުޅުން ނިމުނުއިރު ތާވަލުގެ އެއްވަނައިގަ އޮތީ ހަ ޕޮއިންޓާއި ފައިދާ ތިން ގޭމް އާއެކު އީގަލްސްއެވެ. އަދި ދެވަނައިގައި އޮތީ ހަ ޕޮއިންޓާއެކު ކަސްޓަމްސްއެވެ. ތިންވަނައިގައި ތިން ޕޮއިންޓާއި ފައިދާ ހަތަރު ގޭމް އާއެކު ސިފައިންގެ ކުލަބު އޮތްއިރު ހަތަރުވަނައިގައި އޮތީ މާޒިޔާއެވެ. އަދި އައިލެންޑާސް ހޯޕް ސްޕޯޓްސް ކުލަބު އޮތީ ފަސްވަނައިގައެވެ.
މި މަހުގެ 18 ގެ ނިޔަލަށް ކުރިއަށްގެންދާ ގައުމީ ބިލިއާޑް މުބާރާތުގައި ހަ އިވެންޓެއް ކުރިއަށްދާއިރު، މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ މުޙައްމަދު ސާހިލް ހަމީދެވެ. އަދި ފިރިހެން ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން އިސްމާއީލް ޝިޔާމު ހޯދިއިރު، އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ އާއިޝަތު އަލީއެވެ. މުބާރާތުގެ ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހަސަން ޝާޒް މުޙައްމަދާއި އަޙްމަދު އިޔާދު ސައީދުގެ ޕެއާއިން ހޯދިއިރު، މިކްސް ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އަލީ ފަޔާޒް އާއި ދީނާ އަޙްމަދުގެ ޕެއާއިންނެވެ.