ކުޅިވަރު

ބްރައިޓަން އަތުން އެސްޓަން ވިލާއަށް މޮޅެއް


އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗު އެސްޓަން ވިލާއިން ކާމިޔާބުކޮށްފިއެވެ.

ބްރައިޓަންގެ ދަނޑުގައި ކުޅުނު މިމެޗް ވިލާއިން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބްރައިޓަންއިން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ވިލާއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ ފުރަތަމަ މިނެތްގައި ޖަހާ ލީޑު ނަގާފައިވަނީ ބްރައިޓަންއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ ކުޅުން ފެށިތާ 49 ވަނަ ސިކުންތުގައި އެލެކްސިކް މެކް އެލިސްޓަރއެވެ.

ނަމަވެސް ވިލާއިން ވަނީ މެޗްގެ 20 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކާއެކު މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑެނީ އިންގްސްއެވެ. އަދި މިމެޗުން ވިލާ މޮޅުވި ލަނޑު މެޗްގެ 54 ވަަނަ މިނެޓްގައި ކާމިޔާބުކޮށްދިނީވެސް އިންގްސްއެވެ. މިމެޗްގައި މިގެއިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔަ ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުމެއް ހިފޭގޮތެއްނުވިއެވެ.

މިކާމިޔާބީއާއެކު ވިލާ މިހާރުވަނީ ކުޅުނު 15 މެޗުން ލިބިފައިވާ 18 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މިއީ މިސީޒަންގައި ރަށުން ބޭރުގައި ކުޅެ ވިލާއަށް ކާމިޔާބުކުރެވުނު ފުރަތަމަ މެޗެވެ. މިނާކާމިޔާބީއާއެކު ބްރައިޓަން މިހާރު އުޅެނީ 21 ޕޮއިންޓާއެކު ތާވަލްގެ 7 ވަނައިގައެވެ.