ޚަބަރު

މާދަމާއިން ފެށިގެން ރެހެންދި ސްކޫލްގައި ކިޔަވައިދޭނީ އޮންލައިންކޮށް


މިއަދު ހެނދުނު ރެހެންދި ސްކޫލްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކަރަންޓްގެ މައްސަލަ ހައްލު ވަންދެން ސްކޫލްގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދިޔުމަށް ނިންމައިފިއެވެ.

ރެހެންދި ސްކޫލްއިން ބުނީ ސްކޫލްގެ ކަރަންޓް ވިއުގާއަށް ލިބުނު ގެއްލުންތައް މިނިސްޓްރީ އޮފް އެޑިއުކޭޝަން ލަފައާއެކު ސްޓެލްކޯގެ ބެލުމުގެ ދަށުން މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ލިބުނު ގެއްލުންތައް މުޅިން ހައްލުކޮށް ކުރިއެކޭ އެއްގޮތަށް ދަންފަޅިތަކުގެ ކިޔެވުން ފެށޭނެކަމަށް ލަފާކުރަނީ އަންނަ އާދިއްތަ ދުވަހުކަމަށް އެ ސްކޫލުން ބުނެއެވެ.

އެހެންކަމުން ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށްގެންދިޔުމަށްޓަކައި މާދަމާއިން ފެށިގެން އޮންލައިންކޮށް ކްލާސްތައް ކުރިއަށްގެންދިޔުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް އެ ސްކޫލްއިން ބުނެއެވެ. އަދި އޮންލައިންކޮށް ކިޔަވައިދިނުމަށްޓަކައި ގޫގުލްމީޓް މެދުވެރިކޮށް ކްލާސްތައް ނެގުމާއި ވައިބަރ މެދުވެރިކޮށް ދަރިވަރުންނަށް މަސައްކަތްތައް ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ސްކޫލްއިން ބުނެއެވެ.

އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ގްރޭޑް 1 ދަރިވަރުންނަށް ހެނދުނު 9:00 އިން 11:00 ހަމައަށެވެ. ގްރޭޑް 2 އިން 6 ދަރިވަރުންނަށް ކްލާސްތައް ކުރިއަށްގެންދާނީ މެންދުރު 1:00 އިން 5:00 އަށެވެ. އަދި ގްރޭޑް 7އިން 10 ގެ ދަރިވަރުންނަށް ކްލާސްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 އިން ރޭގަނޑު 9:00 ދެމެދުގައެވެ. އެލްކޭޖީ ދަރިވަރުންނަށް ކްލާސްތައް ނަގައިދިނުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 އިން 6:00 އަށެވެ.

ހުޅުމާލެ ރެހެންދި ސްކޫލްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ އެ ސްކޫލްގެ 4އަދި 5ވަނަ ފަންގިފިލާގައި ހުރި ކަރަންޓު ޕެނަލް ބޯޑެއްގައި ރޯވެގެންނެވެ.

ރޯވި އަލިފާން ސްކޫލާއި، އެމްއެންޑީއެފް ގުޅިގެން ވަރަށް އަވަހަށް ވަނީ ނިއްވާލާފައެވެ. ކަރަންޓު ބޯޑުގައި ރޯވީ މިއަދު ހެނދުނު 6:30ހާއިރު، ސްކޫލަށް ދަރިވަރުން ހާޒިރުވަމުންދިޔަ ވަގުތެއްގައެވެ. އެ ހާދިސާ ހިނގަން ފެށުމާއެކު، ރައްކާތެރިކަމާއެކު ދަރިވަރުން ތިރިއަށް ބާލާ ގެއަށް ފޮނުވާލިއެވެ.