28 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ނިބާލް އަޙްމަދު ހޯދިއިރު، އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ފާތިމަތު ނަބާހާ (ނަބާ) ހޯދައިފިއެވެ.
ނިބާލް މިފަހަރު ޗެމްޕިއަންކަން ހޯދިއިރު، އެންމެ ފަހުން ތިން ފަހަރު ގައުމީ ފައިނަލުން ވެސް އޭނާ ވަނީ ބަލިވެފައެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ޒަޔާން ޒަކީ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. ނިބާލް މޮޅުވީ، 21-16، 21-14 އިންނެވެ.
މި އަހަރުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ނަބާހާ ހޯދީ ފައިނަލުގައި އައިމިނަތު ނަބީހާ އަތުން ތިން ސެޓުން މޮޅުވެގެންނެވެ. މެޗުގެ ސެޓުތައް ފޯރިގަދަކޮށް ދިޔައިރު، ދެ ކުޅުންތެރިންނަށް ވެސް ފަހު ސެޓުން މޮޅުވާން ފުރުސަތު އޮތެވެ. ސެޓުތައް ދިޔައީ 21-15، 14-21 އަދި 21-19 އިންނެވެ.
އަންހެން ޑަަބަލްސް ޗެމްޕިއަނުންނަކީ މި ފަހަރު ވެސް ނަބީ އާއި ނަބާގެ ޕެއާ އެެވެ. ފައިނަލުގައި ނަބާ އާއި ނަބީގެ ޕެއާ މޮޅުވީ އައިޝަތު އަފްނާން ރަޝީދު އާއި މައިސާ ފަތުހުﷲ އިސްމާއިލް (މައި) އަތުން 21-12، 21-12 އިން މޮޅުވެގެންނެވެ.
މިކްސް ޑަބަލްސް ޗެމްޕިއަނުންނަކީ އެންމެ ފަހުން ދެ ފަހަރު ވެސް އެ ކާމިޔާބު ހޯދި ޒަޔާން އާއި ނަބާގެ ޕެއާ އެވެ. ޒަޔާން އާއި ނަބާގެ ޕެއާ ފައިނަލުގައި ވަނީ 21-12 އާއި 21-10 އިން، އައިމިނަތު ޝަހުރުނާޒް މޫސާ އާއި ހަސަން އަފްޝީން ޝަހީމްގެ ޕެއާ ބަލިކޮށްފަ އެވެ. ފިރިހެން ޑަބަލްސް ބައިގައި ޗެމްޕިއަނުންނަކީ ރިވައިވަލް ސްޕޯޓްސް ކްލަބްގެ ޒަޔާން އާއި ތޯއިފްގެ ޕެއާ އެވެ. ޒަޔާން އާއި ތޯއިފްގެ ޕެއާ މޮޅުވީ އަޖުފާން އާއި ނިބާލްގެ ޕެއާ އަތުން 21-18، 21-17 އިންނެވެ.
މީގެއިތުރުން ދެ ވަނަ ޑިިވިޝަނުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ޝައިބާ މުހައްމަދު ޝަރީފް ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ އިޔާން އަބްދުލް އަލީމް އެވެ.