މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "ލިޓަސް ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް 2022" ގެ ޓީމު އިވެންޓުގައި އައިލެންޑާސް ހޯޕް ސްޕޯޓްސް ކުލަބު ބަލިކޮށް ތާވަލުގެ އެއްވަނައަށް ކަސްޓަމްސް ރެކްރިއޭޝަން ކުލަބު ޖެހިލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ޓީމު އިވެންޓުގައި މި ފަހަރު ފަސް ކުލަބެއް ވާދަކުރެއެވެ. އެއީ މިދިޔަ އަހަރުގެ ޗެމްޕިއަން ކުލަބު އީގަލްސް އާއި، ކަސްޓަމްސް ރެކްރިއޭޝަން ކުލަބާއި، އައިލޭންޑާސް ހޯޕް ސްޕޯޓްސް ކުލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ދިވެހި ސިފައިންގެ ކުލަބެވެ.
މުބާރާތުގައި ހޯމަ ދުވަހު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ސިފައިންގެ ކުލަބާއި މާޒިޔާއެވެ. މި މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސިފައިންގެ ކުލަބުންނެވެ. އަދި ދެވަނަ މެޗުގައި ކަސްޓަމްސް އާއި އައިލެންޑާސް ހޯޕް ސްޕޯޓްސް ކުލަބު ބައްދަލުކުރިއިރު، މި މެޗު ކަސްޓަމްސްއިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.
ލީގު އުސޫލުން ކުޅެވޭ ޓީމު އިވެންޓުގެ ތިންވަނަ ދުވަހުގެ ކުޅުން ނިމުނުއިރު ތާވަލުގެ އެއްވަނައަށް ކަސްޓަމްސް ޖެހިލީ ނުވަ ޕޮއިންޓާއެކުއެވެ. ދެވަނަގައި އޮތީ ފައިދާ ހަތް ގޭމް އާއި ހަ ޕޮއިންޓް ހޯދައިގެން ސިފައިންގެ ކުލަބެވެ. ތިންވަނަގައި އޮތް އީގަލްސްއަށް ފައިދާ ތިން ގޭމް އާއެކު ލިބެނީ ހަ ޕޮއިންޓެވެ. އަދި ހަތަރުވަނައިގައި އޮތީ މާޒިޔާ އޮތްއިރު، ފަސްވަނައިގައި އޮތީ އައިލެންޑާސް ހޯޕް ސްޕޯޓްސް ކުލަބެވެ.
މި މަހުގެ 18 ގެ ނިޔަލަށް ކުރިއަށްގެންދާ ގައުމީ ބިލިއާޑް މުބާރާތުގައި ހަ އިވެންޓެއް ކުރިއަށްދާއިރު، މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ މުޙައްމަދު ސާހިލް ހަމީދެވެ. އަދި ފިރިހެން ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން އިސްމާއީލް ޝިޔާމު ހޯދިއިރު، އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ އާއިޝަތު އަލީއެވެ. މުބާރާތުގެ ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހަސަން ޝާޒް މުޙައްމަދާއި އަޙްމަދު އިޔާދު ސައީދުގެ ޕެއާއިން ހޯދިއިރު، މިކްސް ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އަލީ ފަޔާޒް އާއި ދީނާ އަޙްމަދުގެ ޕެއާއިންނެވެ.