ދުނިޔޭގެ ވިޔަފާރި

ފިލިޕީންސްގައި އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކުން ޓެކްސް ނަގަން ނިންމައިފި


ކަނޑުތައް ތަޣައްޔަރުވުމާއި ދެކޮޅަށް ރައީސް ފަރޑިނެންޑް މާކޯސް ޖޫނިއާ ވެވަޑައިގެންނެވި ވައުދުފުޅާއި އެއްގޮތަށް އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކުން ޓެކްސް ނެގުމުގެ ގާނޫނެއް ފިލިޕީންސްގެ ކޮންގްރެސްގެ ތިރި ގެއިން ފާސްކޮށްފިއެވެ.

އެ ގާނޫނުގައިވާގޮތުން ކުންފުނިތަކުން އުފައްދާ ނުވަތަ އިމްޕޯޓްކުރާ އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކުން ކޮންމެ ކިލޯއަކަށް 1.75 އެމެރިކާ ޑޮލަރު ނަގާނެއެވެ. އަދި 2026 އިން ފެށިގެން އެ ޓެކްސްއަށް ނަގާ މިންވަރު އަހަރަކު %4 އަށް އިތުރުވާނެ ކަމަށްވެސް އެ ގާނޫނުގައިވެއެވެ. އަދި މިއީ ޕްލާސްޓިކް ބޭނުންކުރުން މަދުކޮށް ތިމާވެށި ހިމާޔަތްކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ނަގާ ޓެކްސްއެއްކަމަށްވެސް ބިލުގައިވެއެވެ.

ދުނިޔޭގެ ކަނޑުތަކުގައި ހުންނަ ޕްލާސްޓިކުގެ ގާތްގަނޑަކަށް %80 އަންނަނީ އޭޝިއާގެ ކޯރުތަކުން ކަމަށާއި މި ނިސްބަތުގެ ތިންބައިކުޅަ އެއްބައި ހިއްސާކުރަނީ ފިލިޕީންސްއިން ކަމަށް 2021 ވަނަ އަހަރު ނެރުނު އޮކްސްފޯޑު ޔުނިވަރސިޓީގެ ރިޕޯޓެއް ކަމަށްވާ "އަވަރ ވޯލްޑް އިން ޑާޓާ" ގައި ބުނެފައިވެއެވެ.

ތިމާވެށީގެ ޖަމާއަތެއް ކަމަށްވާ ދަ ގްލޯބަލް އެލަޔަންސް ފޯ އިންސިނެރޭޓަރ އަލްޓަނޭޓިވްސްއިން 2016 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ދުވާލަކު 163 މިލިއަން ސުޕާރީފަދަ ތަކެތި ބަންދުކޮށްފައި ހުންނަ ކުދި ޕެކެޓް ބޭނުންކުރާ ފިލިޕީންސްގައި އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް އެގައުމުގެ ގާތްގަނޑަކަށް ހުރިހާ ތަނަކުންވެސް ފެނެއެވެ.

ޓެކްސް ޕްލޭންގެ ދަށުން އަހަރަކު 9.3 ބިލިއަން ޕެސޯގެ އާމްދަނީއެއް ލިބޭނެކަމަށް ލަފާކުރެވޭއިރު، އެ އާމްދަނީއިން ސޮލިޑް ވޭސްޓް މެނޭޖްމަންޓްގެ މަސައްކަތްތަކަށް ހޭދަކުރެވޭނެއެވެ.

މި ބިލް ފާސްކުރަން ރައީސް މާކޯސްއަށް ފޮނުވުމުގެ ކުރިން ޓެކްސް ނެގުމަށް އަޅާ ފިޔަވަޅުތައް ސެނެޓުން ފާސްކުރަން ޖެހޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.

މެއި މަހު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ގައުމަށް ދެއްވި ފުރަތަމަ ޚިތާބުގައި މާކޯސް ވަނީ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.