އިންޑިއާގެ ސްމާޓް ފޯނުގެ ވިޔަފާރި މިއަހަރުގެ 3 ވަނަ ކުއާޓަރުގައި %10 އަށް ދަށަށް ގޮސްފައިވާކަމަށް މާކެޓްތައް ދިރާސާ ކުރާ އައިޑީސީން ބުނެފިއެވެ. މިއީ 2019 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރަށްފަހު ތިންވަނަ ކުއާޓަރެއްގައި ޝިޕްމަންޓްތައް މިހާ ދަށްވި ފުރަތަމަ ފަހަރެވެ.
ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ސްމާޓްފޯނުގެ މާކެޓް ކަމަށްވާ އިންޑިއާގެ ސްމާޓްފޯނުގެ ޝިޕްމަންޓްތައް މަދުވެފައި މިވަނީ އަގުތައް އުފުލެމުން ދިއުމުން ކަމަށްވެސް އައިޑީސީން ބުންޏެވެ.
އަހަރުން އަހަރަށް ބަލާއިރު އެވަރޭޖްކޮށް ސްމާޓް ފޯނު ވިއްކާ އަގު ވަނީ 15 އިންސައްތައިން އުފުލިފައެވެ. އަދި ދެވަނަ ކުއާޓަރަށްވުރެ 3 ވަނަ ކުއާޓަރުގައި އަގުތައް ވަނީ %6 އަށް އުފުލިފައެވެ.
ސްމާޓް ފޯނުގެ އަގު ވޭތުވެ ދިޔަ 8 ކުއާޓަރުގައިވެސް އުފުލެމުން ގޮސްފައިވާ ކަމަށް އައިޑީސީގެ ރިސާޗް މެނޭޖަރ އުޕާސަނާ ޖޯޝީ ވިދާޅުވިއެވެ. އަދި ޗުއްޓީއަށް ފަހު ސްމާޓް ފޯނަށް އޮތް ޑިމާންޑް ކުޑަވުމުން ހަތަރު ވަނަ ކުއާޓަރުގައިވެސް ޝިޕްމަންޓްތައް ދަށްވާނެކަމަށް އައިޑީސީގެ ޑިވައިސަސް ރިސާޗްގެ އެސޯސިއޭޓް ވައިސް ޕްރެޒިޑެންޓް ނަވްކެންޑަރ ސިންގް ވިދާޅުވިއެވެ.
މިއަހަރު އިންޑިއާއަށް ގާތްގަނޑަކަށް 150 މިލިއަން ޔުނިޓް ޝިޕްމެންޓް ގެންނާނެކަމަށް އައިޑީސީން ލަފާކުރެއެވެ. މިއީ މިދިޔަ އަހަރަށްވުރެ %8 ނުވަތަ %9 މަދު އަދަދެކެވެ. މިއާއިއެކު އަންނަ އަހަރުވެސް ޝިޕްމަންޓްތައް މަދުވާނެ ކަމަށް ލަފާކުރައްވާކަމަށް ސިންގް ވިދާޅުވިއެވެ.
ޝިޕްމަންޓް އިތުރުކުރުމަށް އަންނަ އަހަރު ކުރިމަތިވާނެ މައިގަނޑު ގޮންޖެހުންތަކަކީ އިންފްލޭޝަން މަތިވުމާއި ޑިވައިސްތަކުގެ ހަރަދު ބޮޑުވުންކަމުގައިވެސް ސިންގ ވިދާޅުވިއެވެ.