ކިއުބާގެ މިއަހަރުގެ އިގްތިސާދީ ދުވެލި މަޑުޖެހޭނެކަމަށް ލަފާކޮށްފައިވާކަމަށް އެ ގައުމުގެ ޗެމްބަރ އޮފް ކޮމާސްގެ ވެރިޔާ ބުނެފިއެވެ.
ކިއުބާއިން މިގޮތަށް ލަފާކޮށްފައި މި ވަނީ އެ ގައުމުގެ ހީނަރުވެފައިވާ އިގްތިސާދު ކޮޅަށްޖެހުމުގެ މަސައްކަތާއި، ހާއްސަކޮށް ގައުމަށް އާމްދަނީ ލިބޭ މައިގަނޑު އެއް މަގު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުން ދާ ދަނޑިވަޅެއްގައެވެ.
ކިއުބާގެ މިއަހަރުގެ އިގްތިސާދީ ދުވެލި ހަލުއި ވާނީ %2 އަށް ކަމަށާއި މިއީ ރަސްމީކޮށް ކުރިން ލަފާކޮށްފައިވާ %4 އަށްވުރެ ދަށް އަދަދެއްކަމަށް ޗެމްބަރ އޮފް ކޮމާސްގެ ރައީސް އެންޓޯނިއޯ ކެރިކެޓް ވިދާޅުވިއެވެ.
ނަމަވެސް އިގްތިސާދީ ދުވެލި މި މިންވަރަށް ހަލުއި ވާނީ ފަތުރުވެރިކަން ކުރިއަރާ މިންވަރަކުންކަމަށް އެންޓޯނިއާ ވިދާޅުވިއެވެ. އަދި މިއީ ވަރަށް އުނދަގޫ ދުވަސްވަރެއް ކަމަށާއި ނަމަވެސް އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރައްވާނެކަމަށްވެސް އެންޓޯނިއޯ ވަނީ ވިދާޅުވެފައެވެ.
ކޮމިޔުނިސްޓް ވެރިކަމެއް ކުރާ ކިއުބާގެ އިގްތިސާދަށް ފަތުރުވެރިކަމުގެ ސިނާއަތަކީ ވަރަށް މުހިންމު ސިނާއަތެކެވެ. ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ކިއުބާގެ ފަތުރުވެރިކަމުގެ ސިނާއަތަށް އައި ހީނަރުކަމުން އަދިވެސް އެ ގައުމަށް އަރައި ނުގަނެވެއެވެ.
މިއަހަރުގެ ނިޔަލަށް ގާތްގަޑަކަށް 1.7 މިލިއަން ފަތުރުވެރިން ކިއުބާއަށް ޒިޔާރަތްކުރާނެ ކަމަށް މިދިޔަމަހު ފަހުކޮޅު އެ ގައުމުން ވަނީ ބުނެފައެވެ. ނަމަވެސް މިއީ ކުރިން ލަފާކޮށްފައިވާ 2.5 މިލިއަން އަށްވުރެ މަދު އަދަދެކެވެ.
އިގްތިސާދީ ދުވެލި މަޑުވާނެ ކަމަށް ލަފާކޮށްފައިވާއިރު، އެގައުމުގެ ރައްޔިތުން މިހާރުވެސް އަންނަނީ ކަރަންޓުގެ ހިދުމަތަށް ބުރޫއެރުމާއި، އާންމު ދަތުފަތުރުގެ އުނދަގުލާއި، ކާބޯތަކެއްޗާއި ބޭހުގެ ދަތިކަންވެސް ތަހައްމަލު ކުރަމުންނެވެ.